ރަށްރަށުގެ ކައުންސިލުތަކުގެ އިހްތިޞާސުގައި ހިމެނޭ ތަންތަނާއި ބިންބިން ސަރުކާރަށް ނަގައި އެ ތަންތަން ކައުންސިލުތަކުގެ އިހްތިޞާސުން ވަކިކުރުމުގެ ފުރިހަމަ ބާރު ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.
މި އިސްލާހު ހުށަހަޅުއްވާފައި ވަނީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރުއެވެ. ކައުންސިލްތަކުގެ އިހްތިޞާސް ހިނގާ ސަރަހައްދުގެ މިލްކުވެރިކަމާ ގުޅޭ މާއްދާއަށް ހުށަހެޅި އެ އިސްލާހުގައި އެ މާއްދާއަށް އަކުރެއް އިތުރުކޮށް، އެ އިސްލާހުގައި ބުނީ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގަން އެ ތަންތަން ކައުންސިލްގެ އިހްތިޞާސުން ވަކިކުރަން ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ ކަމަށެވެ.
އެގޮތުން ކައުންސިލުތަކުގެ އިޚްތިޞާސްގައިވާ ތަންތަން ވަކިކުރަން ވަޒީރުންގެ މަޖިލީހުން ނިންމައި އެ ކަން އެލްޖީއޭއިން ކައުންސިލުތަކަށް އެންގުމުން އެ ތަންތަން ކައުންސިލުތަކުގެ މިލްކިއްޔާތުން ވަކިވެ، ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ތަންތަން ކަމުގައި ވާނެ ކަމަށް، ޢަބްދުލްޙަންނާން ހުށަހެޅުއްވި ބިލުގައި ވެއެވެ.
އަދި އެ ހިސާބުން އެ ބިމަކީ ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބިމަކަށް ވެގެންދާނެ ކަމަށްވެސް އެ އިސްލާހުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ރަށެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް އަމަލުކުރަން ފެށުމުގެ ކުރިން ވެސް ސަރުކާރުގެ ފަރާތުން ތަރައްގީގެ މަޝްރޫއުއެއް ކުރިއަށް ގެންދިޔުމަށް ބިމެއް ހޯދަން އެދޭ ހާލަތްތަކުގައި އެ މަޝްރޫއުތައް ބޭނުންވާ ބިން ކައުންސިލުން ގައުމީ އިދާރާއާ ހަވާލުކުރަން ޖެހޭނެ ކަމަށްވެސް އެ އިސްލާހުގައި ބުނެފައި ވެއެވެ.
ހަމަ އެހެންމެ، ކައުންސިލަރުން ކޮށްގެން ނުވާނެ ކަންކަމުގެ ތެރޭގައި ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫއުތަކަށް މަގުބޫލު ސަބަބެއް ނެތި ހުރަސް އެޅޭ ފަދަ ގޮތަކަށް އަމަލުކުރުން ނުވަތަ އެ ފަދަ މަޝްރޫއުތައް ހުއްޓުމަށް މެދުވެރިވާ ފަދަ ނިންމުންތައް ނިންމުން ހިމެނުމަށް ވެސް ވަނީ ހުށަހަޅުއްވައިފައެވެ.
ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތަކަށް މަގުބޫލު ސަބަބެއް ނެތި ހުރަސްއެޅޭ ފަދަ ގޮތަކަށް ކައުންސިލުތަކުން އަމަލުނުކުރަން އިސްލާހެއް ހުށަހަޅާފައި ވާއިރު، ސަރުކާރުން ބޭނުންވާ މަޝްރޫއުތައް ހިންގަން ބިން ނުދީ ހިފެހެއްޓުން ފަދަ ކަންކަން ބައެއް ކައުންސިލްތަކުން ކުރަމުންދާ ކަމަށް މި ސަރުކާރުން ވަނީ ތުހުމަތުކޮށްފައެވެ.

