logo

ކުނި މަދުކުރުމަކީ މުސްތަޤުބަލުގެ ޖީލުތަކަށް ވެވޭ އަހުދެއް: ފަސްޓް ލޭޑީސާޖިދާ މުޙައްމަދު

މަރްޔަމް
6 ގަޑިއިރު ކުރިން
ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު

ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު

ކުނި ނައްތާލުމާއި ތިމާވެށި ހިމާޔަތްކުރުމަކީ ހަމައެކަނި ސިޔާސަތެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، އެއީ އަންނަން އޮތް ޖީލުތަކުގެ ހައްޤުގައި ވާންޖެހޭ މަތިވެރި އަހުދެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ޤައުމުތަކުގެ ވެރިންގެ އަނބިކަނބަލުންނަށް ޚާއްޞަކޮށްގެން ބޭއްވި ބައިނަލްއަޤުވާމީ "ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް" ގެ މަތީ ފަންތީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެ ފަދަ ބިންތިރި ޖަޒީރާ ޤައުމަކަށް ތިމާވެށީގެ ދުޅަހެޔޮކަމަކީ ހަމައެކަނި އިސްކަންދޭ ކަމެއް ނޫން ކަމަށާއި، އެއީ މުޅި ޤައުމުގެ ދެމިއޮތުމާ ސީދާ ގުޅިފައިވާ އަސާސީ މައްސަލައެކެވެ. ދުނިޔޭގެ ނިސްބަތުން ރާއްޖޭގެ ވެށި ކިތަންމެ ހިތްގައިމު ނަމަވެސް، މިއަދު އުފެދޭ ކުންޏާއި ޕްލާސްޓިކުގެ ސަބަބުން ޤުދުރަތީ ރީތިކަމާއި ނާޒުކު ދިރުންތަކަށް ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބެމުންދާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އުކާލެވޭ ކުންޏަކީ ކުޑަ ޖަޒީރާއަކުން އަމިއްލައަށް ފިލައިގެންދާނެ އެއްޗެއް ނޫންކަން ފާހަގަކުރައްވައި މެޑަމް ސާޖިދާ ވިދާޅުވީ، ކަނޑުފަޅުތަކަށް ދޫކޮށްލެވޭ ކުނީގެ ވިހަ މާއްދާތައް މުރަކަތަކަށާއި މަސްމަހާމެއްސަށް އަސަރުކޮށް، އެންމެ ފަހުން އިންސާނުންގެ ކާނާގެ ތެރެއަށް ވާސިލުވަމުންދާ ކަމަށެވެ. އެހެންކަމުން، މިއަދު މި ކުރިމަތިލާ ނުރައްކާތަކުން ސަލާމަތްވެ، ދެމެހެއްޓެނިވި ވެއްޓެއް އަންނަން އޮތް ދަރިންނަށް ފޯރުކޮށްދިނުމަކީ ކޮންމެހެން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށް އެކަމަނާ ބަޔާންކުރެއްވިއެވެ.

ރާއްޖޭގައި ކުނި މެނޭޖްކުރުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މި އަހަރުގެ އޮގަސްޓް މަހު ކުނި މެނޭޖްކުރުމުގެ ޤާނޫނަށް ގެނެވުނު އިސްލާހުތައް އެކަމަނާ ފާހަގަކުރެއްވިއެވެ. މިގޮތުން ޤަވާއިދާ ޚިލާފަށް ރާއްޖެއަށް ކުނި އެތެރެކުރުމާއި، ހުއްދައެއް ނެތި ނުރައްކާތެރި ކުނި ބޭރުކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމުކުރެވިފައިވާކަން އެކަމަނާ ހާމަކުރެއްވިއެވެ.

މީގެއިތުރުން، ޤައުމުތަކުގެ އިސްވެރިންގެ އަނބިކަނބަލުންނަށް ލިބިފައިވާ މަޤާމުގެ ބޭނުން ހިފައި، މުޖުތަމަޢު ހޭލުންތެރިކުރުވުމަށާއި، ޚާއްޞަކޮށް ސްކޫލް ކުދިންނާއި ޒުވާނުން ތިމާވެށީގެ ކަންކަމުގައި ބާރުވެރިކުރުވުމަށް މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި ބައިނަލްއަޤުވާމީ ގޮތުން ގުޅިގެން މަސައްކަތްކުރުމަކީ މިފަދަ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

ފަސްޓް ލޭޑީގެ ވާހަކަފުޅު ނިންމަވާލައްވަމުން، ރާއްޖެ ފަދަ އެތެރެކުރާ މުދަލަށް ބަރޯސާވާ ކުދި ޤައުމުތަކަށް އެހެން ޤައުމުތަކުން އުފައްދާ ޕެކޭޖިންގ ކުނީގެ ބުރަ އުފުލަންޖެހޭ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލެއްވިއެވެ. މިގޮތުން ތިމާވެއްޓާ ރައްޓެހި ބަންދުކުރުމުގެ ނިޒާމުތައް ތަރައްޤީކުރުމަށާއި، ޒަމާނީ ޓެކްނޮލޮޖީ އަދި ސާކިއުލާ އިކޮނޮމީއަކަށް ބޭނުންވާ މާލީ އެހީތެރިކަން ކުދި ޤައުމުތަކަށް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް އެކަމަނާ ވަކާލާތު ކުރެއްވިއެވެ.

ad