ގުޅީފަޅުން ގޯތި ލިބޭ ހުރިހާ ފަރާތްތަކަށް މިހަފުތާގެ ތެރޭގައި ގޯތި ދީ ނިންމަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އިމާރާތް ކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މުއްޠަލިބު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ކުރީ ސަރުކާރުން ފަށާފައި ހުރި މަޝްރޫއެއް ނަމަވެސް އަދި ކުރީ ސަރުކާރުން ސޮއިކޮށްފައި އޮތް މަޝްރޫއެއް ނަމަވެސް މި ސަރުކާރުން ކުރިއަށް ގެންގޮސް ރައްޔިތުންނަށް އެކަމެއް ކޮށްދިނުން ކަމަށެވެ. އެހެންނަމަވެސް ދަތިތަކެއް ކުރިމަތިވަމުންދާ ކަަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ޑިޖިޓަލަކޮށް ގޯތި ހަވާލު ކުރުމުގެ މަސައްކަތް މިހަފްތާތެރޭގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ. ވަޒީރު ވިދާޅުވީ، ބޯހިޔާވަހި ކަމުގެ މަޝްރޫއުގައި ހިމެނޭ، ހުޅުމާލެ ފޭސް ތިނެއްގެ ގާތް ގަނޑަަކަށް ހުރިހާ ގޯތިތަކެއް ހަވާލުކޮށް ނިމިއްޖެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ގޯތިތަކާއި ހަވާލުވާން ދުވާލަކު ދަނީ ހަތަރު ފަސް މީހުން ކަމަށްވުމުން 3500 ގޯތި ހަވާލުކުރުމުގެ މަސައްކަތް އަވަހަށް ނިންމަން މިހާރު ޑިޖިޓަލްކޮށް މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
މި ސަރުކާރުން ވަނީ ގުޅީފަޅުގެ ލޭންޑް ޔޫޒް ޕްލޭނަށް ބަދަލުތަކެއް ގެނެސް، އެތަނުން 3,520 ގޯތި ދޫކުރުމަށް ނިންމާފައެވެ. މީގެ ތެރޭގައި ކުރިން ގިރާވަރުފަޅުން ދޭން ނިންމި 1,114 ގޯތި ވެސް ހިމެނެއެވެ.

