logo

ނައިބު ރައީސް ޖަރުމަނަށް ފުރައިވަޑައިގަންނަވައިފި

އާމިނަތު މޫސާ
8 ގަޑިއިރު ކުރިން

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް، ޖަރުމަނުވިލާތުގެ ބާލިންއަށް ރޭ ފުރާވަޑައިގެންފި އެވެ.

ނައިބުރައީސްގެ މި ދަތުރުފުޅަކީ ޖަރުމަނުވިލާތުގެ ބާލިންގައި މި މިމަހުގެ 15 އިން 21 އަށް ކުރިއަށްދާ ބާލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026 ގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މިއަހަރުގެ ފޯރަމްގައި ދުނިޔޭގެ ލީޑަރުންނާއި، ސިޔާސަތު އެކުލަވާލާ އިސްފަރާތްތަކާއި، އެންމެ ބޮޑަށް އަސަރުކޮށްފައިވާ މުޖުތަމައުތަކުގެ މަންދޫބުންގެ އިތުރުން އެބައެއްގެ ފެންވަރުގައި ހައްލުތައް ގާއިމުކުރަމުންދާ ޒުވާން އީޖާދުވެރިން އެއްތަންވެ މަޝްވަރާކުރާނެ އެވެ.

މަތީ ފަންތީގެ ބައިނަލްއަގުވާމީ މި ފޯރަމްގެ މަގްސަދަކީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކާ ގުޅިގެން، މޫސުމީ ހިޖުރަކުރުމާއި، ވަޒަންދޫކޮށްދާންޖެހުމާއި، އަދި އެކަންކަމަށް ހޭނުމަށް ކަނޑައަޅާ އިސްތިރާޖީތަކާ ބެހޭގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މަޝްވަރާތައް އިތުރަށް ކުރިއެރުވުމެވެ.
މީގެއިތުރުން، މި އަހަރުގެ ފޯރަމް ވެގެންދާނީ ގްލޯބަލް ކްލައިމެޓް މޮބިލިޓީ ޕްރިންސިޕަލްސް ނުވަތަ މޫސުމީ ހިޖުރަކުރުމާބެހޭ ބައިނަލްއަގުވާމީ އުސޫލުތައް ރަސްމީކޮށް ފާސްކުރާ ފޯރަމަށެވެ.

މި މަތީ ފަންތީގެ އެއްބަސްވުމުން ބާރުއަޅަނީ، މީހުންގެ އަމިއްލަ މުޖުތަމައުތަކުގައި ދެމިތިބުމުގެ ހައްގު ހިމާޔަތްކޮށްދޭނެ ފަދަ ހޭނުމުގެ މަގުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށެވެ. އަދި ހަމައެހެންމެ، އެހެން ސަރަހައްދަކަށް ބަދަލުވާންޖެހޭ ހާލަތްތަކުގައިވެސް، އެކަން ކުރަންވާނީ އިންސާނީ ކަރާމާތް ހިފަހައްޓައިގެންކަން މި އުސޫލުތަކުގައި ކަށަވަރުކޮށްދެއެވެ. މީގެ އިތުރުން، މި ފޯރަމްގެ ތެރެއިން، މި އެއްބަސްވުންތައް، އަމަލީ ބައިވެރިވުމަކަށް ބަދަލުކޮށް، ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލުމަށް މަގުފަހިކުރެވޭނެއެވެ.

މި ދަތުރުފުޅުގައި، ނައިބުރައީސް "ކްލައިމެޓް މޮބިލިޓީ ޕްރިންސިޕަލްސް" ގެ މަތީ ފަންތީގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުގެ ތެރޭގައި ހައްގުތައް ހިމާޔަތްކުރުމާ ބެހޭގޮތުން ބާއްވާ މަތީ ފަންތީގެ ޕެނަލް ޑިސްކަޝަނެއްގައިވެސް ނައިބުރައީސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

ad