ރާއްޖެ ދަރުވާލުމުގެ މޭސްތިރިއަކީ ނިމިދިޔަ ސަރުކާރުގެ މާލީ ވަޒީރު އިބްރާހިމް އަމީރު ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖެ މިއަދު އޮތް އިގްތިޞާދީ ފުން ވަޅުގަނޑަށް ވައްޓާލުމުގެ އަސްލު މޭސްތިރިއަކީ އަމީރު ކަމަށެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި އެމްޑީޕީން ބޭއްވި "ޑޮލަރެއް ނެތް" ޕެނަލް ޑިސްކަޝަނުގައި އަމީރު ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވައި ސައީދު ވިދާޅުވީ، އިގްތިޞާދީ ދަތިކަމުގެ ވާހަކަ ދެއްކެވުމުގެ އެއްވެސް ހައިސިއްޔަތެއް އަމީރުގެ ކިބައިގައި ނެތް ކަމަށެވެ.
ސައީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 19 ވަނަ މަޖިލީހުގައި އަމީރު ނިސްބަތްވި އެމްޑީޕީގެ މެންބަރުން ވެސް ވަނީ ފައިސާ ޗާޕުކުރުމާއި އިގްތިސާދީ ސިޔާސަތުތަކާ ގުޅިގެން އަމީރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އޭރު އެމްޑީޕީގައި ތިއްބެވި މެންބަރުން، ފައިސާ ޗާޕުކުރުމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ވެއްޓި، ލިބޭ ޑޮލަރަށް ވުރެ މާކެޓުގައި ހުރި ރުފިޔާ އިތުރުވުމުގެ ނުރައްކަލުގެ ވާހަކަ ދެއްކެވިކަން ސައީދު ހަނދާންކޮށްދެއްވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، އޭރުގެ ސަރުކާރުން ފައިސާ ޗާޕުކުރަމުން ދިޔައިރު، އެކަމުގެ ނުރައްކަލާ ބެހޭގޮތުން އޭރުގެ އިދިކޮޅު ފަރާތްތަކުންނާއި، އެމްއެމްއޭގެ އޭރުގެ ގަވަރުނަރު އަލީ ހާޝިމް ވެސް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ނަމަވެސް، އެކަންކަމަށް އަމީރު އެކަށީގެންވާ ޖަވާބެއް ދެއްވާފައި ނުވާ ކަމަށް ސައީދު ތުހުމަތު ކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ވާރުތަވީ ބޮޑު ދަރަންޏަކާއި ނުރައްކާތެރި އިގްތިސާދީ ހާލަތެއް ކަމަށެވެ. އަދި މި ހާލަތުން ގައުމު ސަލާމަތްކުރުމަށްޓަކައި މި ސަރުކާރުގެ ފުރަތަމަ ދެ އަހަރު ވަރަށް ބޮޑަށް ސަމާލުވެގެން މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އަދި މިހާރުގެ ސަރުކާރުން އިގްތިސާދު ކޮޅަށް ޖެހުމަށް ޓަކައި ފޮރެކްސް ގާނޫނަށް ބަދަލުތަކެއް ގެނައުމާއި، އާމްދަނީ އިތުރުކުރެވޭނެ އާ ގޮތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

