logo

"ރައްޔިތުންގެ އަޑު" ސިލްސިލާގެ އިތުރު 4 ދާއިރާއެއްގެ ރައްޔިތުންނަށް ފުރުސަތު ހުޅުވާލައިފި

އާމިނަތު މޫސާ
5 ގަޑިއިރު ކުރިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭއްވެވުމަށް ހަމަޖެހިފައިވާ "ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވެވަޑައިގަތުމަށް އިތުރު 4 ދާއިރާއަކުން ނަން ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން މިފަހަރު ނަން ހުށަހެޅުމަށް ހުޅުވާލާފައިވަނީ މާފަންނު ދެކުނު ދާއިރާ، އުނގޫފާރު ދާއިރާ، ކެލާ ދާއިރާ، އަދި ފުވައްމުލަކު ދެކުނު ދާއިރާއިންނެވެ.

"ރައްޔިތުންގެ އަޑު" ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންފުޅުވާ ބޭފުޅުން، ރައީސް އޮފީހުގެ ވެބްސައިޓްގައި މިކަމަށް ޚާއްޞަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް އަންނަ ހޯމަ ދުވަހުގެ ރޭގަނޑު 12:00ގެ ކުރިން ނަން ނޯޓުކުރެއްވުމަށް ވަނީ އެދިފައެވެ.

މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، މިހާރަށްވުރެވެސް ބޮޑަށް، ސީދާ ރައްޔިތުންނާ ބައްދަލުކުރައްވައިގެން ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވުމުގެ މަގްސަދުގައި، ވަކިވަކި ދާއިރާތަކުން، ސީދާ އެމަނިކުފާނާ ވަކިވަކީން ބައްދަލުކުރައްވައިގެން ވާހަކަދެއްކުމުގެ ފުރުސަތު ފަހިވާ ފަދަ ޕްރޮގްރާމެއް ދާދި އަވަހަށް ފައްޓަވާނެ ކަން އިއުލާން ކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށްލައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް ވީހާވެސް ފުޅާ ދާއިރާއެއްގައި އެފުރުސަތު ދެއްވުމަށްޓަކައި ފަށްޓަވާ "ރައްޔިތުންގެ އަޑު" ސިލްސިލާގައި ކުރިއަށްގެންދާ ބައްދަލުވުމެެކެވެ. މި ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުސޫލު، ރައީސް އޮފީހުގެ ވެބްސައިޓުން ފެނިވަޑައިގަންނަވާނެ ކަމަށް އެ އޮފީހުން ވިދާޅުވިއެވެ.

ދައުލަތުގެ މީޑިއާގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ކޮންމެ ހަފްތާއެއްގެ އެއް ދުވަހު ނުވަތަ ދެ ދުވަހު ވަކި ވަގުތަކާއި އުސޫލެއް ކަނޑައަޅައިގެން އެމަނިކުފާނާ ބައްދަލުކުރެއްވޭ ގޮތަށް ހަމަޖައްސަމުންދާ ކަމަށެވެ. އެ ބައްދަލުވުންތައް ބާއްވާނީ ދާއިރާތައް ވަކިވަކިން ކޮންމެ ދާއިރާއަކުން ވަކި އަދަދެއްގެ ރައްޔިތުންތަކަކާ އެކީގައި ކަމަށާއި ހުރިހާ ދާއިރާއެއްގެ ރައްޔިތުންނާ ބައްދަލުކުރަން އަހަރެއްހާ ދުވަސް ނަގާފާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން މި ބައްދަލުވުމުގައި ބައިވެރިވުމަށް މީގެ ކުރިންވެސް 4 ދާއިރާގެ ރައްޔިތުންނަށް ނަން ނޯޓުުކުރުމަށް ހުޅުވާލިއެވެ. އެއީ ހުޅުމާލެ އުތުރު ދާއިރާ، ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ، އަދި ހުޅުމާލެ މެދު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށެވެ.

ad