ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ލަނޑުދަނޑިތަކާ އެއްގޮތަށް، ސަރުކާރުން ޞިއްޙީ ދާއިރާއަށް ގެންނަން ބޭނުންވާ ކުރިއެރުންތައް އެގޮތުގައި ގެނެސްދިނުމަކީ ނުހަނު ފަޚުރުވެރިވާ ކަމެއްކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސިއީއޯ އަބްދުއްރަޒާގް ހަލީމް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއް ރައްޒާގް ހަލީމް ވިދާޅުވީ ހުޅުމާލޭގައި ދިރިއުޅުއްވާ ރައްޔިތުންނަށް ގާތުން އަދި ފަސޭހަކަމާއެކު ޚިދުމަތްދިނުމުގެ މަޤްޞަދުގައި، ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައިވާ ބައެއް ޚިދުމަތްތައް މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ހުޅުމާލެ ހޮސްޕިޓަލުން މިހާރު ވެސް ވަނީ ފަށާފަ ކަމަށެވެ. އަދި 26 ޖުލައި 2026 ގެ ކުރިން، މި ހަފުތާގެ ތެރޭގައި ގޭސްޓްރޯއެންޓްރޮލޮޖީ، ނިއުރޮލޮޖީ، އަދި ޔޫރޮލޮޖީގެ ޚިދުމަތްތައް ފެށުމަށް މިހާރު ވަނީ ހަމަޖެހިފަ ކަމަށެވެ.
އަދި މިދެންނެވި ޚިދުމަތްތަކުގެ އިތުރުން، ދާދިފަހުން ހުޅުމާލެ ހޮސްޕިޓަލުން ހޯދާފައިވާ ބައެއް މުހިންމު ކާމިޔާބީތައް ވެސް ވަނީ ހިއްސާ ކޮށްފައެވެ. އެގޮތުން
- ހުޅުމާލެ ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ފުލްޓައިމް ކޮންސަލްޓަންޓް އޮންކޮލޮޖިސްޓެއްގެ ޚިދުމަތް ފެށުން.
- ދިވެހިރާއްޖޭގެ ފުރަތަމަ ކޮންސަލްޓަންޓް ސަބް-ސްޕެޝަލިސްޓް ބްރެސްޓް ސާޖަންގެ ޚިދުމަތް ތަޢާރަފުކުރުން.
- ދިވެހިރާއްޖޭގެ ފުރަތަމަ ދިވެހި ގްލޯކޯމާ ސްޕެޝަލިސްޓާއެކު، ގްލޯކޯމާގެ ފުރިހަމަ ފަރުވާ ދޭން ފެށުން.
- ހުޅުމާލެ ހޮސްޕިޓަލުން މެޑިކަލް އިންޓާންޝިޕް ފުރިހަމަކުރި 15 ޑޮކްޓަރުންގެ ފުރަތަމަ ބެޗް ދަސްވެނިވުން.
މި ކާމިޔާބީތަކަކީ ޞިއްޙީ ޚިދުމަތްތެރިންގެ ބުރަ މަސައްކަތާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ އިރުޝާދާއި ޞިއްޙީ ދާއިރާއަށް ދެއްވާ ޚާއްޞަ އަހަމިއްަޔަތުކަމާއި، ސަރުކާރާއި، މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއާގެ އިތުރުން އެކި ބައިވެރިންގެ ފަރާތުން ލިބޭ މެދުނުކެނޑޭ އެއްބާރުލުމުގެ ނަތީޖާކަމުގަ ވަނީ ވިދާޅުވެފައެވެ. އަދި އަމާޒަކީ ދިވެހި ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބޭނެ، ފެންވަރު ރަނގަޅު އަދި ބަލިމީހުންނަށް އަޅާލުންތެރި އަދި އޯގާތެރި ޞިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ދެމިތިބުން ކަމަށް ވެސް ވިދާޅުވިއެވެ.

.jpg&w=256&q=75)
