ރާއްޖޭގެ އިސްލާމީ ތަޢުލީމާއި ތަރުބިޔަތަށް ބައި ޤަރުނަށްވުރެ ދިގުމުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ، ފަޟީލަތުއްޝައިޚު އިސްމާޢީލް މުޙައްމަދު އަވަހާރަވެއްޖެއެވެ.
ދ. މީދޫއަށް އުފަން، މއ. ފީރޯޒްވާދީ ޝައިހް އިސްމާއީލް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވުމަށްފަހު، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ރޭގެ ވަގުތެއްގައެވެ.
އެކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ހިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ މައްޗަންގޮޅީ ފީރޯޒްވާދީ ފަޟީލަތުއްޝައިހް އިސްމާއީލް މުހައްމަދު އަވަހާރަވުމަކީ، ބޮޑު ހިތާމައަކާއި ފުން އަސަރުތަކެއް އިހްސާސް ކުރުވި ކަމެއް ކަމަށެވެ.
ޝައިހް އިސްމާޢީލް މުހައްމަދަކީ ރާއްޖޭގައި ދީނީ ޢިލްމު ފެތުރުއްވުމަށްޓަކައި ވަރަށްފުޅާ ދާއިރާއެއްގައި މަސައްކަތްޕުޅު ކުރައްވައިފައިވާ އަދި ރާއްޖެއިން ބޭރުގައި ދީނީ ރޮނގުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ދިވެހި އެތައް ދަރިވަރުންނަކަށް ހޯއްދަވައިދެއްވައިފައިވާ ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.
ދ. މީދޫ އަށް އުފަން ޝައިހް އިސްމާޢީލް މުޙައްމަދަކީ، ރާއްޖޭގައި އުފެދުނު ދީނީ ޢިލްމުވެރިންގެ ތެރެއިން ވަރަށްކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އެމަނިކުފާނުގެ އިހްލާސްތެރި ތައުޒިޔާ، މަރުހޫމް ފަޟީލަތުއްޝައިޚް އިސްމާއީލް މުހައްމަދުގެ ލޮބުވެތި އާއިލާއަށް ދަންނަވާފައެވެ. އަދި މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި އަދި ސުވަރުގޭގެ މަތިވެރި ނިޢުމަތާއި ރަޙްމަތުގައި މަރްޙޫމް ލެއްވުމަށް އެދި ދުއާ ކުރައްވާފައިވެސްވެއެވެ.
ޝައިހް އިސްމާއީލް ކުރެއްވި ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ. މީގެ އިތުރުން، މިދިޔަ އަހަރުގެ އޭޕްރީލް މަހު އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން އެރުވި ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފުވެސް އެމަނިކުފާނަށް ވަނީ އަރުވާފައެވެ.
އަވަހާރަވިއިރުވެސް ޝައިހް ގެންދެވީ އެމަނިކުފާނުގެ އަމިއްލަ ހަރަދުގައި ހުޅުމާލޭގައި މިސްކިތެއް ބިނާކުރައްވަމުންނެވެ. އުންމުލްމުއުމިނީން އާއިޝަތުގެފާނުގެ ނަންފުޅަށް ނިސްބަތްކުރާ މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ މިދިޔަ އަހަރުގެ މާޗު މަހު ރައީސް ޑރ. މުއިއްޒެވެ. ޝައިހް އިސްމާއީލް މުހައްމަދަކީ ރާއްޖޭގެ ދީނީ އިލްމީ މައިދާނުގައި ނުހަނު އިހްތިރާމް ލިބިގެންވީ، ގިނަ ބައެއްގެ ލޯބި ހޯއްދަވާފައިވާ ބޭފުޅެކެވެ.

