logo

ގާނޫނަށް އަލަށް ގެނައި އިސްލާހުގެ ދަށުން މިހައިތަނަށް މާލޭގައި 13 ޑްރަގު ކެފޭ ބަންދުކުރެވިފައިވޭ: ވަޒީރު އިހުސާން

ދިވެހި ޗެނަލް
ދިވެހި ޗެނަލް
10 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ ގާނޫނަށް އަލަށް ގެނައި އިސްލާހުގެ ދަށުން ފުލުހުންނަށް ލިބިދޭ ޚާއްސަ ބާރުގެ ތެރެއިން، މާލޭގައި މަސްތުވާތަކެތި ބޭނުންކުރުމަށް ބޭނުންކުރަމުން ދިޔަ 13 ތަނެއް (ޑްރަގް ކެފޭ) ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ ނޮވެންބަރު މަސް ނިމުމުގެ ކުރިން މާލޭގައި ހުރި ހުރިހާ ޑްރަގް ކެފޭތައް ނައްތާލާނެ ކަމަށް މީގެ ކުރިން މިނިސްޓަރު އިހުސާން ވިދާޅުވެފައިވާތީ، އެކަމާ ގުޅޭގޮތުން ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، މީގެ ކުރިން ވެސް ފުލުހުން ތަކުރާރުކޮށް އެފަދަ ތަންތަން ބަންދުކުރި ނަމަވެސް، ފުލުހުން ދާތާ ދެތިން ދުވަސްތެރޭގައި އެހެން ބަޔަކު އެ ތަންތަން ހުޅުވައިގެން ހިންގަމުން ދިޔަ ކަމަށެވެ.

ނަމަވެސް އައު ގާނޫނީ ބާރުގެ ދަށުން ބަންދުކުރާ ތަނެއް އަލުން ހުޅުވައިފިނަމަ އެ މީހަކާ މެދު ގާނޫނީ ފިޔަވަޅު އެޅޭނެ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ މިނިސްޓްރީން އެންމެ ބޮޑު އިސްކަމެއް ދީގެން ހައްލުކުރުމަށް މަސައްކަތްކުރަމުން އަންނަ މައްސަލައެއްކަން ފާހަގަކުރައްވައި މިނިސްޓަރު އިހުސާން ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ ޑްރަގް ނެޓްވޯކްތަކާއި ޚާއްސަކޮށް މަސްތުވާތަކެތި ޓްރެފިކްކޮށް ވިއްކަމުންދާ ފަރާތްތަކަށް އަމާޒުކޮށްގެން މަސައްކަތްތައް ބައްޓަންކޮށްފައިވާ ކަމަށެވެ.

މި މަސައްކަތުގައި ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެން ސަޕްލައި ސައިޑް ހުއްޓުވުމަށް ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން، މަސްތުވާތަކެތީގެ މައްސަލަތަކުގައި މި ސަރުކާރުގެ ގެންގުޅެނީ ޒީރޯ ޓޮލަރެންސް ކަމަށާއި، ކުރިން ފިޔަވަޅު ނާޅާ ވަރަށް ގިނަ ކަންކަމަށް މިހާރު ފިޔަވަޅު އަޅަމުންދާ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ. އަދި އެފަދަ ފިޔަވަޅުތައް އެޅުމަށްޓަކައި ގާނޫނުގެ ތެރެއިން އިތުރު މަގުތައް ފަހިކޮށް ބާރުތައް ފުޅާކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

ad