logo

ގާނޫނާ ޚިލާފަށް ފައިސާ ގެންގުޅުނު ކަމުގެ ތުހުމަތުގައި ނޭޕާލުން ދިވެއްސަކު ހައްޔަރުކޮށްފި

މަރްޔަމް
9 ގަޑިއިރު ކުރިން
ގިނަ އަދަދެއްގެ ފައިސާއާ އެކު ނޭޕާލުން ހައްޔަރުކުރި ޔުގީތު އިބްރާހިމް

ގިނަ އަދަދެއްގެ ފައިސާއާ އެކު ނޭޕާލުން ހައްޔަރުކުރި ޔުގީތު އިބްރާހިމް

ގާނޫނާ ޚިލާފަށް ގިނަ އަދަދެއްގެ ފައިސާ ގެންގުޅުނު ކަމުގެ ތުހުމަތުގައި ނޭޕާލުގެ ވެރިރަށް ކަތުމަންޑޫއިން ދިވެހި ރައްޔިތަކާއި އެ ގައުމުގެ އަންހެނަކު ހައްޔަރުކޮށްފިއެވެ.


ނޭޕާލްގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިދިޔަ ބުދަ ދުވަހުގެ މެންދުރު 1:00 ހާއިރު ކަތުމަންޑޫގެ ތަމެލް ސަރަހައްދުގައި ހުންނަ ސްނޯލައިން ހޮޓަލުގެ ކޮޓަރިއެއް ފާސްކޮށް، ހައްޔަރުކުރީ ދިވެހި ފިރިހެނެއް ކަމަށްވާ މަސްތުވާތަކެތީގެ މައްސަލައެއްގައި ލަންކާއިން މަރުގެ ހުކުމް އިއްވާފައި ވަނިކޮށް އެ ގައުމުގެ ހައި ކޯޓުން ސަލާމަތްވި އުމުރުން 41 އަހަރުގެ ޔުގީތު އިބްރާހިމް، އަލިތަރި/ގއ. ވިލިނގިލި އެވެ. އަދި ނޭޕާލް އަންހެނެއް ކަމަށްވާ އުމުރުން 20 އަހަރުގެ ސްނޭހާ ރިމާލް އެވެ.

ޔުގީތު އިބްރާހީމަކީ މީގެ ކުރިން ސްރީލަންކާގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މަރުގެ ހުކުމެއް ކޮށްފައި އޮއްވައި، މިދިޔަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހު އެ ގައުމުގެ އިސްތިއުނާފު ކޯޓުން އެ ހުކުމް ބާތިލުކޮށް މިނިވަންކުރި މީހެކެވެ.

undefined

އޭނާ މަރަން ލަންކާގެ ނިގަމްބޯ ހައި ކޯޓުން 2018 ވަނަ އަހަރުގެ މެއި މަހު ހުކުމްކުރީ 1.296 ކިލޯގްރާމްގެ ހެރޮއިން އަތުލައިގަތް މައްސަލައެއްގަ އެވެ. ނަމަވެސް ލަންކާ ޖަލުގައި އަށް އަހަރު ހޭދަކުރި ފަހުން އިސްތިއުނާފު ކޯޓުން ވަނީ ދަށު ކޯޓުގެ ނިންމުމުގައި ގާނޫނީ އަދި އިޖުރާއީ ބޮޑެތި ގޯސްތަކެއް ހުރިކަން ފާހަގަކޮށް، ހެކީގެ ރައްކާތެރިކަން ގެއްލިފައިވުމާއި މުހިންމު ހެކިތައް ނެތުމުގެ ސަބަބުން އޭނާ މިނިވަންކުރުމަށް އަމުރުކޮށްފަ އެވެ.

ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން، ލައިންޗޯރު ޕޮލިސް ސާކަލްގެ ޓީމަކުން ހިންގި މި އޮޕަރޭޝަނުގައި އެ ދެ މީހުން ތިބި ކޮޓަރިން 5.05 މިލިއަން ނޭޕާލީ ރުޕީސް (ގާތްގަނޑަކަށް 526،750ރ.) އާއި، 4،215 އޮމާނީ ރިޔާލް (ގާތްގަނޑަކަށް 169،189ރ.) ގެ އިތުރުން 55 ޔޫއޭއީ ދިރުހަމް (ގާތްގަނޑަކަށް 231ރ.) ވަނީ އަތުލައިގަނެފަ އެވެ. މި ހުރިހާ ފައިސާއެއްގެ ޖުމްލަ އަގު ދިވެހި ރުފިޔާއިން ގާތްގަނޑަކަށް 696،170ރ. އަށް އަރަ އެވެ.

ކަތުމަންޑޫ ޑިސްޓްރިކްޓް ޕޮލިސްގެ ތަރުޖަމާނު އެސްޕީ ދާން ބަހާދުރު ތާޕާ ވިދާޅުވި ގޮތުގައި، އެ ދެ މީހުން ވަނީ އެއީ ކައިވެނި ކުރަން އުޅޭ ދެ މީހުން ކަމަށް ފުލުހުންގެ ގާތުގައި ބުނެފަ އެވެ. ނަމަވެސް، އެކަމަށް ބާރުދޭ އެއްވެސް ހެއްކެއް ލިބިފައި ނުވާ ކަމަށާއި އެހާ ގިނަ އަދަދެއްގެ ފައިސާ ހޯދި ސައްހަ ގޮތެއް ވެސް އެ މީހުންނަށް ބުނެދެވިފައި ނުވާ ކަމަށް ކަތުމަންޑޫ ޑިސްޓްރިކްޓް ޕޮލިސްގެ ތަރުޖަމާނު އެސްޕީ ދާން ބަހާދުރު ތާޕާ ވިދާޅުވި އެވެ.

މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުން މިހާރު ތިބީ ލައިންޗޯރު ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އަދި މަނީ ލޯންޑަރިންގެ ތުހުމަތުގައި އިތުރު ތަހުގީގުތައް ހިންގުމަށްޓަކައި އެ މައްސަލަ ނޭޕާލްގެ ޑިޕާޓްމަންޓް އޮފް މަނީ ލޯންޑަރިން އިންވެސްޓިގޭޝަނާ ހަވާލުކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.


ad