logo

މަސައްކަތް ކުރާނީ ކޮރަޕްޝަން ނެތް ސާފު ސަރުކާރެއް ގާއިމުކުރުމަށް: ފައިސަލް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
3 ދުވަސް ކުރިން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިވަޑައިގެން އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ، އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނީ، ކޮރަޕްޝަނާއި ފަސާދައިން ސަލާމަތް ވެފައިވާ ސާފު ސަރުކާރެއް ގާއިމުކުރުމަށް ކަމަށް، އެމްޑީޕީގެ ރިއާސީ ޕްރައިމަރީ ކެންޑިޑޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު ފުނާޑޮ އަވަށުގެ ކުއީންސް ޝޭޑްގައި ހެދި ކެމްޕޭން އޮފީސް ހުޅުވުމަށް ބޭއްވި ހަފުލާގައި، މާލޭގައި ހުންނަވައިގެން، ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ސަރުކާރުގެ އަމަލުތައް ހުރި ގޮތުން، ރައްޔިތުން މިހާރު ސަރުކާރަށް އިތުބާރު ނުކުރާ ކަމަށެވެ. ފައިސަލް ވިދާޅުވީ މިގައުމުގައި މިއަދު ނެތް އެއްޗަކީ އިތުބާރު ކަމަށާއި، ސަރުކާރުން ދައްކާ ވާހަކަ އާއި ސަރުކާރުގެ އަމަލުތައް ދިމާ ނުވާތީ އިތުބާރު ގެއްލި، މިހާރު ބަލައިލި ކޮންމެ ދިމާލަކުން ވެސް ފެންނަން އޮތީ މައްސަލަ އާއި ރައްޔިތުންގެ ޝަކުވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ކޮންމެ މީހަކާ ބައްދަލުވިޔަސް ދައްކަނީ ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހުން އޮތް ވާހަކަ ކަމަށާއި، ސަރުކާރުގެ ތެރޭގައި ހިނގާ ނުރަނގަޅު ކަންތައް ހުއްޓުވައި އެފަދަ ކަންކަމަށް ހައްލެއް ހޯދަން ޖެހޭ ކަމަށެވެ. އެހެންކަމުން، ފަސާދަ އާއި ޚިޔާނާތުން ސާފުވެފައިވާ ސަރުކާރެއް ގާއިމުކުރުމަށް ޓަކައި ސަރުކާރު ތެރޭގައި ހިނގާ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވަން ޖެހޭކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެހެން ނަމަވެސް، އެފަދަ ސަރުކާރެއް ގާއިމުކުރެވޭނީ، ރައްޔިތުންގެ ފުރިހަމަ ތާއީދާއެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، އެކަންކަން ހައްލުކުރުމުގެ ފުރުސަތު ލިބިވަޑައިގަތުމުން ކަން ފައިސަލް ފާހަގަކުރެއްވިއެވެ. އެ ފުރުސަތު ހޯދުމަށް ޓަކައި ފުރަތަމަ ކުރަން އޮތް ކަމަކީ ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރުން ކަމަށްވާތީ، ފުވައްމުލަކު ރައްޔިތުންގެ ފުރިހަމަ ތާއީދާ އެކު ޕްރައިމަރީ ކާމިޔާބު ކުރުމަށް މަސައްކަތް ކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.

"ތިބޭފުޅުން އަޅުގަނޑަށް އެ މަސައްކަތް މިއަދު ކޮށްދެއްވައިފިއްޔާ، ފުވައްމުލަކަށް ނިސްބަތްވާ މީހެއްގެ ގޮތުގައި ހުރެގެން ވިޔަސް، މުޅި ރާއްޖޭގެ އެންމެން ބަލައިގަންނަ މީހެއްގެ ގޮތުގައި އެ މަސައްކަތް އިރާދަކުރެއްވިއްޔާ ކުރާނަން. ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ރައްޔިތުންގެ ޚާއްސަ މަޖިލިހަށް ތިބޭފުޅުން އަޅުގަނޑު އިންތިހާބު ކޮށްދެއްވީމާ، އަޅުގަނޑަށް ވީ އެންމެ ރަނގަޅަކަށް ރައްޔިތުންގެ ހައްގުގައި ރައްޔިތުންނަށްޓަކައި އެމަސައްކަތް ކުރިން." ފައިސަލް ވިދާޅުވިއެވެ.

"ރަނގަޅު ގާނޫނު އަސާސީއެއް އެކުލަވައިލުމަށްޓަކައި އެކަމުގައި ވެސް ހަމަ ފުރިހަމައަށް ބައިވެރިވި މީހެއްގެ ގޮތުގައި ހުރިން. އަދި ހަމައެއާ އެއްކޮށް މަޖިލީހުގައި އަޅުގަނޑު ހޭދަކުރ ފަސް އަހަރުގެ ދައުރުގައި ވެސް ބެލީ ވަކި ދާއިރާކުން އިންތިޚާބުވެފައި ހުއްޓަސް، މުޅި ރާއްޖޭގެ ރައްޔިތުންނަށްޓަކައި ކޮށްދެވެން އޮތް ކޮންމެ ކަމެއް، ގާނޫނު ހަދާ މަޖިލީހުގެ ތެރެއިން ކޮށްދެވޭތޯ." ފައިސަލް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހި ރައްޔިތުން މިއަދު ތިބީ ވަރަށް ނިކަމެތި ހާލުގައި ކަމަށާއި، ނަމަވެސް އެކަން ބަދަލުކުރެވޭނީ ބަދަލު ކުރަން ބޭނުންވާ އަދި އެހިއްވަރު ހުރި މީހަކު ވެރިކަމަށް އައިސްގެން ކަމަށެވެ. ރައްޔިތުން މިއަދު ތިބި ހާލަތުން އެއަށް ވުރެ ރަނގަޅު ހާލަތަކަށް ގެންގޮސްދެވޭނީ ހަމައެކަނި ވަކި ބަޔަކަށް ފައިދާ ހޯދައިދިނުމުގެ އާދަ ދޫކޮށްލައި، މުޅި ގައުމާއި ރައްޔިތުންނަށް މަންފާ ހުރި ކަންތައްތަކަށް ވިސްނާ މީހަކު ވެރިކަމަށް އައިސްގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރީގެ ސަރުކާރުގައި ނައިބު ރައީސްގެ ގޮތުގައި ހުންނަވައިގެން ކުރެއްވި މަސައްކަތްތައް، މިސަރުކާރު އައިފަހުން ހުއްޓިފައި ހުރުމުން، ރައްޔިތުންނަށް ލިބޭ ނިކަމެތިކަން އިހްސާސް ކުރެވި، އެކަމާ އުނދަގޫވާ ކަމަށެވެ.

"އަޅުގަނޑުމެން ކުރަމުން އައި މަސައްކަތް، ރާއްޖޭގެ ސިއްހީ ނިޒާމު ވަރުގަދަ ކުރުމަށްޓަކައި ކުރި މަސައްކަތްތައް މުޅިންހެން ފަހަތަށް މި ދަނީ. އެއްވެސް ކަހަލަ ކުރިއެރުމެއް މިދާއިރައަކުން ނުފެނޭ. އަނެއްކާ ވެސް މި ފެންނަނީ ކޮންމެ ކަމެއްގައި ވެސް ރާއްޖޭގެ ރަށްރަށުން މާލެއަށް ދާން ޖެހޭ މަންޒަރު." ފައިސަލް ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ ސިއްހީ ކަންތައްތަކާއި، އިޖުތިމާއީ ކަންތައްތަކާއި، ތައުލީމީ ކަންތައްތައް، އަދި ޚާއްސަކޮށް ވިޔަފާރީގެ ކަންތައްތަކާ އެއްކޮށް ވަރުގަދަ އިޤްތިޞާދެއް އުފެދި އަޅުގަނޑުމެންނަށް އެ ބޭނުންވާ ގޮތަށް ކުރިޔަށް ގެންދިއުމަށް، އެ މަސައްކަތް އަޅުގަނޑުމެން ކުރަންވީ." ފައިސަލް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ނިމިގެންދިޔަ އެމްޑިޕީގެ ސަރުކާރުގެ ނާއިބު ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން މުޅި ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ވަރަށް ގިނަ ކަންތައްތަކެއް ކުރެވުނު ކަމަށެވެ. ޚާއްސަކޮށް ޞިއްޙީ ދާއިރާ ކުރިއެރުވުމަށްޓަކައި ރާއްޖޭގެ އުތުރާއި ދެކުނުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ހަމަ އެއާއެކު ތަޢުލީމީ ނިޒާމު ވަރުގަދަކޮށް، ޚާއްޞަކޮށް އިޖުތިމާޢީ ރައްކާތެރިކަން ރަނގަޅު ކުރުމަށްޓަކައި، ފަސޭހައިން ޚިދުމަތް ލިބޭނެ ގޮތްތައް ހޯދައިދިނުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު. ހަމަ އެއާ އެއްކޮށް ފާހަގަކޮށްލަން ބޭނުންވޭ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުޞަތުތައް ހޯދައިދިނުމުގެ މަސައްކަތް އެކި ގޮތްގޮތުން ވަރަށް ބޮނޑަށް ކުރެވުނު." ފައިސަލް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އޭރު އެ މަސައްކަތްތައް ކުރަމުން ދިޔައީ ވަރަށް ގިނަ ގޮންޖެހުންތަކަކާ ވެސް އެކުގައި ކަމަށާއި، ނަމަވެސް ވެރިކަން ބަދަލުވެ ތިން އަހަރު ވެގެން ދިޔައިރު އެ ހުރިހާ ކަމެއް މިހާރު އަނެއްކާ މިހުރީ ކުރިން ފެށި ހިސާބުން އަލުން ފަށަން ޖެހިފައި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ލިބިފައި އޮތް ބޮޑު އަޣުލަބިއްޔަތުގެ ނާޖާއިޒު ފައިދާ ނަގައި، ޤާނޫނުއަސާސީ އާއި ގާނޫނުތަކަށް ބަދަލުތައް ގެނެސްގެން ވަރަށް ގިނަ ކަންކަމުގައި ރައްޔިތުންނަށް ހުރި ފުރުޞަތުތައް ވަރަށް ބޮޑަށް ހަނިކޮށްލާފައިވާ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

އެ ގޮތުން ވަކިން ޚާއްޞަކޮށް އެމަނިކުފާނު ފާހަގަކުރެއްވީ، ދައުލަތުގެ ވަޒީފާތަކުގައި ތިބި މީހުންނަށް ސަރުކާރުން މަޖުބޫރުކޮށްގެން، އެމީހުން ބޭނުންނުވާ ކަންތައްތައް އެމީހުން ލައްވައި ކުރުވުމަށްޓަކައި ރެޔާއި ދުވާލު ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމެވެ. އެކަމުގެ ސަބަބުން ރައްޔިތުން ތިބީ ވަރަށް އުނދަގޫ ކަންތައްތަކެއްގެ ތެރޭގައި ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

ad