ސަޢުދީ ޢަރަބިއްޔާގެ ސޮވެރިން ވެލްތު ފަންޑު (ޕީ.އައި.އެފް)ގެ މައި މަރުކަޒު ހުންނަ، ވެރިރަށް ރިޔާޟްގެ އެންމެ އުސް އިމާރާތަށް ޔަމަނުގެ ހަނގުރާމަވެރި ޙޫޘީންގެ ޖަމާއަތުން ދިން މިސައިލް ހަމަލާއެއްގައި އެކި ވަރުގެ ގެއްލުންތައް ލިބިއްޖެއެވެ.
ސަޢުދީގެ މަދަނީ ދިފާއާއި ހަވާލާދީ އެ ގައުމުގެ ރަސްމީ ނޫސް، އެސް.ޕީ.އޭ އިން ބުނި ގޮތުގައި، ރިޔާޟްގެ ފައިނޭންޝަލް ސެންޓަރުގައި ހުންނަ މި ޓަވަރުގެ ގިނަ ފަންގިފިލާތަކަކަށާއި، ކައިރީގައި ހުރި އެހެން އިމާރާތްތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހަމަލާގެ ސަބަބުން ޕީ.އައި.އެފް ޓަވަރުގެ ހަތްވަނަ އަދި އަށްވަނަ ފަންގިފިލާގެ ބިއްލޫރިތައް ތަޅައިގެން ގޮސް، އިމާރާތުގެ ބޭރުގައިވާ ދަގަނޑު ބައިތަކަށް ވެސް ވަނީ ގެއްލުން ލިބިފައެވެ. މި ހާދިސާއާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކިންގް އަބްދުﷲ ފައިނޭންޝަލް ޑިސްޓްރިކްޓް ވަނީ އާންމުންނަށް ބަންދުކޮށްފައެވެ.
މި ހަމަލާއާ ގުޅިގެން ސަޢުދީގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ގައުމުގެ އިސްތިގުލާލާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމުގެ ފުރިހަމަ ހައްޤު އެ ގައުމަށް ލިބިގެންވާ ކަމަށެވެ.
މިއީ ފާއިތުވި ދެ ހަފުތާ ތެރޭގައި މި ސަރަހައްދުގެ މުހިންމު އިމާރާތަކަށް ޙޫޘީންގެ ޖަމާއަތުން ހަމަލާދިން ދެވަނަ ފަހަރެވެ.

