logo

ރާއްޖެއަށް 3.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

މަރްޔަމް
ދުވަހެއް ކުރިން

ރާއްޖެއަށް 3.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ސ. މަރަދޫފޭދޫ، ނިލަމެހިގެ، އުމުރުން 45 އަހަރުގެ އިސްމާއިލް ނަސީރާއި ނ. މަނަދޫ، ވެށި، އުމުރުން 28 އަހަރުގެ މުހައްމަދު ޒިޔާދެއެވެ. އެ ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

ކޯޓު އަމުރުގައިވާ ގޮތުން، މިމަހުގެ 19 ވަނަ ދުވަހު ސިންގަޕޯ އެއާލައިންގެ ފުލައިޓަކުން ގެނެސްފައިވާ ތިން ދާގިނާގެ މުދަލުގެ ތެރޭގައި ފޮރުވައިގެން ސިއްރުން ރާއްޖެއަށް މަސްތުވާތަކެތި ވަނީ އެތެރެކޮށްފައެވެ. އެ ތިން ދާގިނާގެ ތެރެއިން ކޮންމެ ދާގިނާއަކުން ހަތަރު ޕެކެޓް، ޖުމުލަ 12 ޕެކެޓް ފެނުނު އިރު، ފުރަތަމަ މަރުހަލާގެ ތަހުލީލުތަކުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސްއަށް ޕޮޒިޓިވްވެފައިވުމާއެކު ޖުމުލަ ބަރުދަނުގައި 3.51 ކިލޯގްރާމު ހުރި ކަމަށް އަމުރުގައި ބުނެފައިވެއެވެ.

ސީނަށް ދިޔަ ފުލުހެއްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، އިސްމާއިލް ނަސީރާއި މުހައްމަދު ޒިޔާދު، ދެ މީހުން ސައިކަލެއްގައި އައިސް، އިސްމާއިލް ނަސީރު އެއް ދާގިނާ ހިފައިގެން ދިއުމުން ފުލުހުންގެ ބަލުމުގެ ދަށަށް ވަނީ ގެނެސްފައެވެ. އެ ވަގުތު ދުރުގައި ބަލަހައްޓައިގެން ހުރި މުހައްމަދު ޒިޔާދު ވެސް އެ ވަގުތު ހައްޔަރުކޮށްފައިވާ ކަމަށް ފުލުސް އޮފިސަރުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެ ތިން ދާގިނާއާ ބެހޭގޮތުން ފުލުހުން އިސްމާއިލް ނަސީރުއާ ސުވާލުކުރުމުން މުހައްމަދު ޒިޔާދު ދެއްކުމަށްފަހު އޭނާ ބުނެގެން ހަވާލުވި އެއްޗެއްކަމާއި އެ ތަކެތި ހިފައިގެން ގެސްޓްހައުސެއްގެ ރޫމް 302 ގައި ބެހެއްޓުމުން ރުފިޔާ ދޭނެ ކަމަށް މުހައްމަދު ޒިޔާދު ބުނެފައިވާ ކަމަށް ފުލުސް އޮފިސަރުގެ ބަޔާނުގައި ބުނެފައިވެއެވެ. މުހައްމަދު ޒިޔާދު ބަލައި ފާސްކުރުމުން އޭނާގެ ޖިންސުގެ ކަނާތްފަރާތު ފަހަތު ޖީބުން ވަނީ ހ. ރެސްޓައިން ގޭގެ 302 ނަމްބަރު ރޫމްގެ ޓެގް އިން ތަޅުދަނޑިއެއް ފެނިފައެވެ.

ކޯޓުގައި މުހައްމަދު ޒިޔާދު ބުނެފައިވަނީ އެތަކެއްޗާ އޭނާއާ ގުޅުމެއް ނެތް ކަމަށާއި އިސްމާއިލް ނަސީރު އެތަނަށް ސައިކަލުގައި ގެންގޮސްދިނުމަށް އެދުމުން އޭނާ ގޮވައިގެން ދިޔައީ ކަމަށެވެ. އެއީ މީހަކު ބުނެގެން ކުރި ކަމެއް ކަމަށް އޭނާ ފާހަގަކުރި އިރު، އެ ފޮށިގަނޑުގައި ހުރީ ކޮން އެއްޗެއް ކަމެއް ނޭނގޭ ކަމަށް ވެސް ބުނެފައިވެއެވެ. އަދި އިސްލާހުވެ މުޖުތަމައަށް ފައިދާ ހުރި މީހަކަށްވުމަށް މަސައްކަތްކުރަމުންދާ މީހެއްކަން ފާހަގަކޮށް ޒިޔާދު ބުނެފައިވާ ގޮތުގައި އޭނާއަކީ ފަރުވާގެ ޕްރޮގްރާމު ފުރިހަމަކުރަމުންދާ މީހެކެވެ.

ކޯޓުގައި އިސްމާއިލް ނަސީރު ބުނެފައިވަނީ އެކަން ކުރީ މީހަކު ފައިސާ ދޭނެ ކަމަށް ބުނުމުން ކަމަށާއި އޭނާއާއި އެ ތަކެއްޗާ ގުޅުމެއް ނުވާ ކަމަށެވެ.

ކޯޓު އަމުރުގައިވާ ގޮތުން، މި ދެ މީހުންގެ ކުޑަކަމުދާތަކެތި ޓެސްޓުކުރުމުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްއެވެ. އަދި ދެ މީހުންނަކީ ވެސް ކުށުގެ ރެކޯޑު އޮންނަ ދެ މީހުންނެވެ.

އެ ދެ މީހުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވަނީ، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަން ފާހަގަކުރަމުންނެވެ.

ad