އާދިއްތަ ދުވަހުރޭ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ދިޔައީ އެޓާރނީ ޖެނެރަލްއާއި އެކު އިއްޒަތްތެރި މަޖިލިސް މެމްބަރުންތަކެއްގެ އެދުމަކަށް ރިއަލް އެސްޓޭޓް ވިޔަފާރި ބިލާއި ގުޅޭ ގޮތުން އެ މެމްބަރުން ސާފްކުރަން ބޭނުންވި ބައެއް ކަންކަން ސާފް ކޮށްދޭން ކަމަށް ހައުސިންގ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރައްޔިތުންގެ މަޖީލުގެ އިދާރާއަށް ބޮޑު ކަޅު ދަބަހެއް ހިއްޕަވައިގެން ވަޑައިގަތުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުމާއި ތުހުމަތުތައް މިހާރު އެމަނިކުފާނަށް ވަނީ އަމާޒުވެފައިވެ އެވެ. އެގޮތުން މިއަދު ނެރުއްވި ނޫސްބަޔާނެއްގައި މުއްތަލިބް ވިދާޅުވީ އެމަނިކުފާނު ކޮޑުގަ އޮތް ދަބަހަކީ ކުޅިވަރު ކުޅެން ގެންގުޅުއްވި ސާމާނު އަޅުއްވައިގެން ގެންގުޅުއްވި ދަބަހެއް ކަމަށެވެ..
މުއްތަލިބް ވިދާޅުވި މަޖިލީހުގެ އެ ބައްދަލުވުން ހަމަޖައްސާފައި އޮތް ގަޑިއާއި، އާރަށުން ފުޓްބޯޅަ ކުޅެގެން މާލެ ދިޔަ ގަޑިއާއި، ދިމާވީ ކަމަށެވެ. މާލެއަށް އައިސް ލޯންޗުން ފޭބި ގޮތަށް މަލިޖިލީހުގެ އިދާރާއަށް ދިޔައީ ކުޅޭ ސާމާނު ދަބަސް ހިފައިގެން ކަމަށެވެ.
މަޖިލީހަށް ވަނީ ވެސް އެދަބަސް ސެކިއުރިޓީއިން ޗެކް ކުރުމައްޓަކާ ސްކޭނާރ އިން ސްކޭންވެސް ކޮށްގެން ކަމަށެވެ. ބައްދަލުވުމަށްފަހު މަޖިލިސް އިދާރާއިން ނުކުތީ އެދަބަސް ކޮޑުގައި އަޅުވައިގެން ކަމަށާއި، ރައްޔިތުންގެ މަޖިލިހިގެ އިދާރާއަކީ ދަބަސް ސްކޭނާރ އަދި ބޮޑި ސްކޭނާރ ވެސް ބެހެއްޓިފައިވާ ތަނެއް ކަމަށެވެ. ދައުލަތުގެ ވަޒިރުން ކަމަށްވިޔަސް އެތަނަށް ވަދެވޭނީ އައިޑީކާޑްގެ ކޮޕީ ފޮނުވައިގެން ކުރިން ހުއްދަ ހޯދައިގެން ކަމަށެވެ. އެހެންކަމުން މަޖިލީހުގެ އިދާރައަށް ދިޔައީ އޮންނަ އުސޫލުގެ ތެރިން ކަމަށް މުއްތަލިބް ވިދާޅުވިއެވެ.

