ގދ.ތިނަދޫގައި ގާއިމް ކުރަމުން އަންނަ މަސް ގަންނަ މަރުކަޒު އަންނަ އަހަރު ހުޅުވާ ހިދުމަތް ދެވޭނެ ކަމަށް މިފްކޯއިން ބުނެފިއެވެ.
ގދ ތިނަދޫގައި، ޤާއިމުކުރާ މަސްގަންނަ މަރުކަޒު 2026 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވައި އޮޕަރޭޝަންތައް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު މިފްކޯއިން އަންނަނީ ވަމުންނެވެ.
"އުތުރާއި ދެކުނުގައި" ބާނާ ބޮޑުކަންނެލި، މިފްކޯއިން ގަތުމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް މި އަހަރުތެރޭ ފެށުމަށް މިފްކޯއިން ވަނީ ރާވާފައެވެ.
ތިނަދޫގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް އަންނަ އަހަރަށް ނިންމައި މަސް ގަންނަން ފެށުމަކީ ސަރުކާރުގެ އަމާޒެއްކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ޕްރޮސެސިންގެ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތްތަކާއެކު، މަސްވެރިކަން ދަށްވެފައިވާ މި ދުވަސްވަރުގައި ކޫއްޑޫގެ މަސްގަތުމުގެ ޙާލަތު ރަނގަޅުކުރުމަށް ގިނަ ފިޔަވަޅުތަކެއްވެސް މިފްކޯއިން ވަނީ އަޅާފައެވެ. އެގޮތުން ބަނދަރުމަތީގެ މަގުތައް މަރާމާތުކުރުމާއި ކޫއްޑޫގެ ލޯކަލް ޕްރޮޑަކްޝަން ފެކްޓަރީ އަޕްގްރޭޑްކުރުމާއި އަދި ފެލިވަރު ކޭނަރީގެ މަރާމާތާއި މެއިންޓަނަންސްގެ މަސައްކަތްތައް މި އޮގަސްޓް މަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތްތަކަކީ މިވަގުތަށް ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތްތަކެކެވެ.
މިފްކޯގެ އަމާޒަކީ މަސްވެރި ސިނާއަތާއި މަސްވެރިން ކުރަމުންދާ މަސައްކަތްތައް ފައިދާހުރި ދެމެހެއްޓެނިވި މަސައްކަތްތަކަކަށް ހެދުމެވެ.