ޣައްޒާ ހަނގުރާމަ ހުއްޓުވުމާއި، ޣައްޒާގެ މުސްތަގްބަލާ ބެހޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ، އަރަބި އިސްލާމީ ބައެއް ގައުމުތަކުގެ ވެރިންނާ ނިއުޔޯކްގައި ބައްދަލު ކޮށްފައެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ، ނިއުޔޯކްގައި މިހާރު ކުރިއަށްދާ އދގެ އާންމު މަޖިލީހުގެ 80 ވަނަ ޖަލްސާގެ އަރިމަތިންނެވެ.
ގަޑިއިރަކަށް ދެމިގެންދިޔަ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ، ސައުދީ އަރަބިއްޔާ، ތުރުކީ، ޔޫއޭއީ، ގަތަރު، މިސްރު، އުރުދުން، އިންޑޮނޭޝިޔާ އަދި ޕާކިސްތާނުގެ ލީޑަރުންނެވެ.
އެމެރިކާގެ ރައީސް ބުނީ، މިއީ ޣައްޒާ ހަނގުރާމަ ހުއްޓުވޭނެ ގައުމުތައް ކަމަށެވެ. އަދި ހަނގުރާމަ ވަގުތުން ހުއްޓުވިދާނެ ކަމަށްވެސް ބުނެފައި ވެއެވެ.
މަޝްވަރާތަކަށްފަހު، ވާހަކަ ދެކެވުނު ކަންކަމާއި، އޭގެ ނަތީޖާއާމެދު އެއްވެސް ގައުމެއްގެ ލީޑަރަކު މީޑިއާއާ ވާހަކަ ދައްކަވާފައެއް ނުވެއެވެ.
މަގުމަތިން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ހަމައެކަނި ވިދާޅުވީ ވާހަކަތައް "ވަރަށް އުފެއްދުންތެރި" ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.
ބައެއް މުހައްލިލުން ވިދާޅުވަނީ، ޓްރަމްޕާއެކު ދެކެވުނު ވާހަކަތަކާ ގުޅޭގޮތުން ލީޑަރުން މީޑިއާއަށް މައުލޫމާތު ނުދެއްވީ، އެންމެން އެއްގަލަކަށް ނޭރުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.
އާންމު މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަމުންވެސް އެމެރިކާގެ ރައީސް ބުނެފައިވަނީ، ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެންނަންޖެހޭ ކަމަށެވެ. ސުލްހައިގެ ވާހަކަ ދައްކަންޖެހޭ ކަމަށާއި، އިސްރާއީލުގެ ހުރިހާ ގައިދީން މިނިވަންކުރަންޖެހޭ ކަމަށެވެ.
ޓްރަމްޕްގެ ވާހަކައިގައި، ސުލްހަ ގާއިމްކުރުމަށް ހުށަހެޅުނު ހުރިހާ ހުށަހެޅުންތަކަށް ދެކޮޅުހެދީ ހަމާސްއިން ކަމަށްބުނެ، ހަމާސް ކުށްވެރިކުރިއެވެ.
ޣައްޒާހަނގުރާމަ ހުއްޓުވަންޖެހޭ ކަމަށް ތަކުރާރުކޮށް ބުނުމާއި، އަދި އެކަން ކުރެވޭނެ ކަމަށް ގަބޫލުކުރާ ގައުމުތަކުގެ ވެރިންނާ ބައްދަލުވުމެއް ބޭއްވިއިރު، ޣައްޒާ ހަނގުރާމަ ހުއްޓުވާނެ ގޮތެއް ޓްރަމްޕް ހާމައެއް ނުކުރެއެވެ.
ޓްރަމްޕަށް، އިސްރާއީލުގެ ބޮޑުވަޒީރު މުޖުރިމު ނަތަންޔާހޫގެ މައްޗަށް އެއްވެސް ކޮންޓްރޯލެއް ނޯންނައިރު، އެކަން ކުރާނެގޮތެއް އޮޅުން ނުފިލާކަމަށް، މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.