logo

ފަލަސްތީނުގެ މިނިވަން ދައުލަތް ރަސްމީގޮތުން ބަލައިގަތުމަށް ޕޯޗުގަލްއިންވެސް ނިންމައިފި

ސައިފު އަޒުހަރު
18 ދުވަސް ކުރިން
ޕޯޗްގަލްގެ ބޮޑުވަޒީރު ލުއިޒް މޮންޓެނީގްރޯ:

ޕޯޗްގަލްގެ ބޮޑުވަޒީރު ލުއިޒް މޮންޓެނީގްރޯ:

ފަލަސްތީނުގެ މިނިވަން ދައުލަތް ރަސްމީގޮތުން ބަލައިގަތުމަށް ޕޯޗުގަލްއިންވެސް ނިންމައިފިއެވެ.

ޕޯޗުގަލްގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަލަސްތީނުގެ ދައުލަތް ބަލައިގަނެ ޕޯޗުގަލްއިން އެކަމުގެ ގަރާރު އާދީއްތަދުވަހު ރަސްމީގޮތުން އިއުލާން ކުރާނެ ކަމަށެވެ.

މިއީ، ފަލަސްތީނުގެ މިނިވަން ދައުލަތް އުފެއްދުމުގެ މައްސަލާގައި އދގެ އާންމު މަޖިލީހުގައި ބާއްވާ މަތީފަންތީގެ ކޮންފަރެންސް ފެށުމުގެ އެއްދުވަސް ކުރިއެވެ.

ފަލަސްތީނުގެ ދައުލަތް އުފެއްދުމުގެ މައްސަލާގައި ބާއްވާ އދގެ އާންމު މަޖިލީހުގެ މަތީފަންތީގެ ކޮންފަރެންސް އޮންނަނީ ސެޕްޓެމްބަރު 22 ގައެވެ.

ޕޯޗްގަލްގެ ނޫސްތަކުން ބުނެފައިވަނީ، ފަލަސްތީނު ދައުލަތް ރަސްމީގޮތުން ބަލައިގަތުމަށް ނިންމުމުގެ ކުރިން ޕޯޗްގަލްގެ ބޮޑުވަޒީރު ލުއިޒް މޮންޓެނީގްރޯވަނީ، އެގައުމުގެ ރައީސާއި އަދި ޕާލަމެންޓްގެ ލަފާވެސް ހޯއްދަވާފައެވެ.

ޕޯޗްގަލް ސަރުކާރުގެ މި ނިންމުމަށް ފަލަސްތީނު ސަރުކާރުންވަނީ މަރްހަބާ ކިޔާފައެވެ.

ފަލަސްތީނު ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ހިތްވަރުގަދަ ނިންމުމެއް ކަމަށާއި، ސުލްހަ ގާއިމްކުރުމަށާއި ދެ ދައުލަތުގެ ހައްލު ތަންފީޒުކުރުމަށް ކުރާ މަސައްކަތްތަށް މިކަމުގެ އިތުރު ތާއީދު ލިބިގެންދާ ކަމަށެވެ.

ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ނިންމައި ޕޯޗްގަލްއިން އިއުލާން ކުރިއިރު، އޮސްޓްރޭލިއާ، ކެނެޑާ، ފްރާންސް އަދި ޔޫކޭއިންވެސްވަނީ ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ނިންމައި އެކަން އިއުލާން ކޮށްފައެވެ.

ފަލަސްތީނުގެ ދައުލަތް ބަލައިގަތުމުގެ މަސައްކަތް ކުރިއަށްދާއިރު، އިސްތިއުމާރީ އިސްރާއީލުން ޣައްޒާގައި ހިންގަނީ ނަސްލުނައްތާލުމުގެ އުދުވާނުތަކެއް ކަމަށް، އދގެ ޚާއްސަ ކޮމިޝަނުން ހިންގި ތަހްގީގަށްފަހު ހާމަކޮށްފައި ވެއެވެ.

އަނެއްކޮޅުން، ފަލަސްތީނު – އިސްރާއީލު މައްސަލަ ދާއިމީގޮތެއްގައި ހައްލުކުރުމަށް މެމްބަރު ގައުމުތަކުން ކުރިން އެކަށައަޅައި ހުށަހެޅި “ދެދައުލަތުގެ ހައްލު” ގަރާރު އދގެ އާންމު މަޖިލީހުގެ 142 ގައުމުގެ އަޣުލަބިއްޔަތުން މިދިޔަ ހަފްތާގައިވަނީ ފާސްކޮށްފައެވެ.

ad