ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގުބަލް ބައްޓަންކުރުމަށްޓަކައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީ.އެމް.ސީ.) އިން އިންތިޒާމްކުރި "ޓޫރިޒަމް ސިމްޕޯޒިއަމް 2025 – ދަ ފިއުޗަރޝޭޕަރސް ވޯކްޝޮޕް" އިއްޔެ މާލޭގެ މީރުމާ ހޯލްގައި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މުޅި ދުވަހަށް ބޭއްވުނު މި ބީ2ބީ ހަރަކާތުގައި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ސިނާޢަތުގެ އެންމެ އިސް ވެރިންނާއި، މީޑިއާގެ ނުފޫޒުގަދަ ފަރާތްތައް ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ބައިވެރިން ބައިވެރިވެ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ކުރިއެރުމުގެ ދެވަނަ ފިޔަވަހި ރޭވުމަށް ސްޓްރެޓީޖިކް މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ.
މިދިޔަ އަހަރު ފުރަތަމަ ފަހަރަށް ބޭއްވުނު ކާމިޔާބު ސިމްޕޯޒިއަމަށްފަހު، މި އަހަރުގެ ސިމްޕޯޒިއަމަކީ މިހާތަނަށް ބޭއްވުނު އެންމެ ބޮޑު އަދި އެންމެ ފުޅާ ދާއިރާއެއްގައި ސިނާޢަތުގެ ބައްދަލުވުމެވެ. ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި ސަމާލުކަން ދީފައިވަނީ މަޢުލޫމާތު ބަދަލުކުރުމާއި، ގުޅިގެން މަސައްކަތްކުރުމާއި، ދިވެހިރާއްޖެ ދުނިޔޭގެ ފަތުރުވެރިކަމުގެ މައި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ސްޓްރެޓެޖީތައް އެކުލަވާލުމަށެވެ.
ދުވަހުގެ ހަރަކާތްތައް ފެށިގެން ދިޔައީ ވީ.އެމް.ސީ.ގެ ސީ.އީ.އޯ. އަދި މެނޭޖިންގ ޑިރެކްޓަރ، އަލްފާޟިލް އިބްރާހީމް ޝިއުރީގެ ތަޤްރީރަކުންނެވެ. އޭނާ ވަނީ 2025 ވަނަ އަހަރުގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ކާމިޔާބީތައް ހުލާސާކޮށް، ކުރިއަށް އޮތް މަޝްވަރާތަކަށް މަގުފަހިކޮށްދެއްވާފައެވެ. "މި ސިމްޕޯޒިއަމްގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ބާރު ވަނީ އޭގެ ހިއްސާދާރުންގެ އެއްބައިވަންތަކަމުގައިކަން އަނެއްކާވެސް ކަށަވަރުވެފައި،" އަލްފާޟިލް ޝިއުރީ ވިދާޅުވިއެވެ. "މިއަދު ހިއްސާކުރެވުނު ޚިޔާލުތަކަކީ 2026 ވަނަ އަހަރަށް ކަނޑައަޅާ 'އޯޝަން ނޭޝަން' ސްޓްރެޓެޖީއަށް މަގުދައްކާނެ ކަންކަން. އަދި މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ކުރިއެރުމަކީ ދެމެހެއްޓެނިވި، އީޖާދީ، އަދި އަޅުގަނޑުމެންގެ އަމިއްލަވަންތަ ކަމާއި ވަރަށް ބޮޑަށް ގުޅިފައިވާ ކުރިއެރުމަކަށް ވެގެންދާނެ."
މި ސިމްޕޯޒިއަމްގެ މައިގަނޑު ތަޤްރީރު ދެއްވަމުން ޓޫރިޒަމް އަދި އެންވަޔަރަންމަންޓް މިނިސްޓަރ، އަލްފާޟިލް ޠާރިޤު އިބްރާހީމް ވަނީ ސިނާޢަތަށް އައިސްފައިވާ ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. "ދިވެހިރާއްޖޭގެ ފަތުރުވެރިކަން މިހާރު ވަނީ ބަދަލުވެ، ޒިޔާރަތްކުރާ ފަރާތްތަކުގެ ބަދަލުވަމުންދާ ޝައުޤުތަކާއި އުއްމީދުތަކަށް ފެތޭ ގޮތަށް ތަފާތު ތަޖުރިބާތަކެއް ފޯރުކޮށްދޭ ދާއިރާއަކަށް ވެފައި،" މިނިސްޓަރ ޠާރިޤު ވިދާޅުވިއެވެ. "މިކަން ރަނގަޅަށް ކޮމިއުނިކޭޓް ކުރުމަކީ އަޅުގަނޑުމެން އެންމެންގެ ވެސް މިޝަން."
ސިމްޕޯޒިއަމްގެ މުހިންމު ބައިތަކުގެ ތެރޭގައި ހިމެނެއެވެ:
• އީ-ޓޫރިޒަމް ފްރޮންޓިއަރސްގެ ސީ.އީ.އޯ.، ސާރާ މެތިއުސް ހިންގެވި 'އޯޝަން އިންސައިޓްސް' ސެޝަން. މި ސެޝަންގައި ފަތުރުވެރިންގެ ޝަޚްސިއްޔަތުތަކާއި ދުނިޔޭގެ މުހިންމު ޓްރެންޑްތައް ދެނެގަތުމަށް މަސައްކަތްކުރެވުނެވެ.
• ވީ.އެމް.ސީ.ގެ 'އޯޝަން ނޭޝަން' ސްޓްރެޓެޖީ ހާމަކުރި 'ޑެސްޓިނޭޝަން މާކެޓިންގ ޕްލޭން 2026' ޕްރެޒެންޓޭޝަން.
• ލަގްޒަރީ ޓޫރިޒަމާއި، ސުޕަރޔަޓް އަދި ބޯޓިންގ ޓޫރިޒަމާއި، ގެސްޓްހައުސް އަދި އަތޮޅު ޓޫރިޒަމްގެ މައްޗަށް ބޭއްވުނު މައިގަނޑު ތަޤްރީރުތަކާއި ޕެނަލް ޑިސްކަޝަންތައް.
• އިންޑިއާ، ޗައިނާ، ރަޝިއާ، ޖަރުމަނު، ޔުނައިޓެޑް ކިންގްޑަމް، އިޓަލީ، މިޑްލްއީސްޓް، ޔޫ.އެސް.އޭ.، އަދި ފްރާންސްގެ މާކެޓް އަޕްޑޭޓްތައް ހިމެނުނު 'ވޯކިންގ ލަންޗް' ހަރަކާތް.
• އީޖާދުކުރުމާއި، ތަފާތު ދާއިރާތަކަށް ފުޅާކުރުމާއި، މާކެޓް އިތުރުކުރުމުގެ ފުރުސަތުތައް ދެނެގަތުމަށް ވޯކިންގ ގްރޫޕްތަކަށް މަގުފަހިކޮށްދިން 'ފެސިލިޓޭޓެޑް ޓޭބަލް ޑިސްކަޝަންސް'.
ސިމްޕޯޒިއަމް ނިންމަވަމުން، ވީ.އެމް.ސީ.ގެ ޗެއަރޕާސަން އަލްފާޟިލް ޢަބްދުﷲ ޣިޔާސް ރިޔާޒް ވަނީ، ހިއްސާދާރުންނަށް މާކެޓިންގއަކީ ހަރަދެއްގެ ގޮތުގައި ނުދެކި، އިންވެސްޓްމަންޓެއްގެ ގޮތުގައި ދެކެން ގޮވާލައްވާފައެވެ. އަދި ދިވެހިރާއްޖެއަކީ ދުނިޔޭގެ އެންމެ ފުރިހަމަ ލަގްޒަރީ މަންޒިލްގެ މަޤާމުގައި ދެމެހެއްޓުމަށްޓަކައި، އިސްތިރާޖީ ގޮތުންނާއި ކެރުމާއެކު ކުރަންޖެހޭ ކަންކަމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "ގާނޫނު ހަދާ ފަރާތްތަކަށް އަޅުގަނޑު ގޮވާލަން: މާކެޓިންގއަކީ ހަރަދެއް ނޫނެވެ—އެއީ އިންވެސްޓްމަންޓެކެވެ. އަޅުގަނޑުމެންގެ ވާދަވެރިން ކޮންމެ ދުވަހަކު ވެސް އަޅުގަނޑުމެންނަށް ވުރެ ގިނައިން ހަރަދުކުރެއެވެ. އަޅުގަނޑުމެން ދަނީ ވިސްނުންތެރިކަމާއެކު މަސައްކަތްކުރަމުން، އެހެންނަމަވެސް އެއަށް ލިމިޓްތަކެއް ހުރެއެވެ. އަޅުގަނޑުމެންނަށް ދުނިޔޭގެ އެންމެ ފުރިހަމަ ލަގްޒަރީ މަންޒިލްގެ ގޮތުގައި ދެމިތިބެން ބޭނުންނަމަ، އަޅުގަނޑުމެން އިތުރަށް އިންވެސްޓްކުރަންޖެހޭނެއެވެ – ކެރުމާއެކު، އިސްތިރާޖީ ގޮތަކަށް އަދި ދެމެހެއްޓެނިވި ގޮތަކަށް."
ސިމްޕޯޒިއަމަށްފަހު، ވީ.އެމް.ސީ.އިން ވަނީ މި ބައްދަލުވުމުގެ ނޯޓްތަކާއި، ސަރވޭގެ ނަތީޖާތަކާއި، މުހިންމު ހުށަހެޅުންތައް އެކުލެވޭ ކޮމްޕްރިހެންސިވް ރިޕޯޓެއް އޮކްޓޯބަރު 2025 ގެ މެދުތެރޭގައި ބައިވެރިންނާއެކު ހިއްސާކުރުމަށް ނިންމާފައެވެ. މި ރިޕޯޓަކީ 2026 ވަނަ އަހަރުގެ ސްޓްރެޓެޖީ ބައްޓަންކުރުމަށާއި، ސިނާޢަތުގެ ފުޅާ ދާއިރާއެއްގައި މަސައްކަތްތަކަށް އެހީތެރިވެދޭނެ މުހިންމު މައުލޫމާތުތަކެއް ފޯރުކޮށްދޭނެ ލިޔުމެއްގެ ގޮތުގައި ބެލެވޭނެއެވެ.
ޓޫރިޒަމް ސިމްޕޯޒިއަމް 2025 – ދަ ފިއުޗަރޝޭޕަރސް ވޯކްޝޮޕް އަކީ، ދުނިޔޭގެ އެންމެ މަޝްހޫރު ރަށްރަށުގެ މަންޒިލްތަކުގެ ތެރޭގައި ދިވެހިރާއްޖެ ދެމެހެއްޓުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމާއި، އީޖާދީ ހިޔާލުތަކާއި، ދެމެހެއްޓެނިވި ތަރައްޤީއަށް ދިވެހިރާއްޖެ ދެމުންދާ އިސްކަމުގެ ހެއްކެކެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ބެހޭގޮތުން:
ދިވެހިރާއްޖެ ދުނިޔޭގެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި "މޯލްޑިވްސް" ބްރޭންޑްގެ ދަށުން، "މޯލްޑިވްސް… ދަ ސަނީ ސައިޑް އޮފް ލައިފް" މި ސްލޯގަން ބޭނުންކޮށްގެން ދުނިޔޭގެ ފެންވަރުގައި އިޝްތިހާރުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ދައުލަތުގެ ކުންފުންޏަކީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނެވެ. ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންއިން ދުނިޔޭގެ މުހިންމު މާކެޓްތަކުގައި 360 ޑިގްރީ މާކެޓިންގ އެޕްރޯޗަކާއެކު ދިވެހިރާއްޖެ އިޝްތިހާރުކުރަމުންދާއިރު، ދުނިޔޭގެ 6 މުހިންމު މާކެޓެއްގައި ޕީ.އާރު. އަދި ޓްރޭޑް ރެޕްރެޒެންޓޭޝަން ޤާއިމްކޮށްފައިވެއެވެ. ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މަސައްކަތްތަކުގެ ސަބަބުން، ދިވެހިރާއްޖެއަށް ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަގުނަ ބޮޑެތި އިނާމުތަކާއި އެވޯޑްތައް ލިބިފައިވެއެވެ.