މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ދެވަނަ ބުރަށް ދިޔަ ދާއިރާތަކުގެ އިންތިޚާބު އަންނަ ހޮނިހިރު ބާއްވަން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުމުގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ދެއްވި ޚާއްސަ މެސެޖެއްގައެވެ.
އެގޮތުން އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ މި އިންތިޚާބުގެ ދެވަނަ ބުރަށް ދާއިރާތަކުގެ އިންތިޚާބު މި މަހުގެ 18ވާ ހޮނިހިރު ދުވަހު ބޭއްވިގެންދާނެ. މިކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށެވެ.
މި މަހުގެ 4ވަނަ ދުވަހު ބޭއްވި އިންތިޚާބުތަކަކީ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބެއްގައި އެންމެ ގިނަ އަދަދަކަށް ރައްޔިތުން ވޯޓުލި ފަހަރުކަމަށް ފާހަގަ ކުރަމުން ވިދާޅުވީ މި އިންތިޚާބުގެ ހުރިހާކަމެއްވެސް ކުރިއަށްދިޔައީ މިނިވަންކަމާއި އިންސާފުވެރިކަމާއެކުގައި ކަމަށެވެ.
ޒާހިދު ވިދާޅުވީ އިންތިޚާބުގައި ދެވަނަ ބުރަކަށް ވޯޓުލާންޖެހޭ ދާއިރާތަކުގެ ވޯޓުލުން އެޕްރީލް 18ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ ކަމަށެވެ. މިފަހަރުގެ އިންތިޚާބާ ގުޅިގެން ޤައުމީ ކޮމްޕްލަޔަންޓްސް ބިއުރޯއަށް 170 ޝަކުވާ ލިބިފައިވާކަމަށާއި، މި ޝަކުވާތަކާ ގުޅިގެން ޤާނޫނީގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ޖަވާބު އެރުވުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ޤައުމީ ކޮމްޕްލަޔަންޓްސް ބިއުރޯއަށް ހުށަހަޅާ ޝަކުވާތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ދޭ ޖަވާބާމެދު ހިތްހަމަ ނުޖެހޭނަމަ އެ މައްސަލައެއް ހައި ކޯޓަށް ހުށަހެޅުމުގެ ޙައްގު ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވެއެވެ. އެ ފުުރުސަތު މިއަދުން ފެށިގެން 14 ދުވަހުގެ ނިޔަލަށް ލިބިގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވިއެވެ.
ދެވަނަ ބުރުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު!

މުސްލިމާ ޙަސަން
10 ގަޑިއިރު ކުރިން

