ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅެއް ވައިގެ މަގުން ގުޅުވާލައިފިއެވެ.
މޯލްޑިވިއަން އިން ބުނީ، މުޅިން އަލަށް ތައާރަފް ކުރި މި ހިދުމަތުގެ ދަށުން ގއ. އަތޮޅާއި، ގދ. އަތޮޅު އަދި އައްޑޫ އާއި ފުވައްމުލައް ސިޓީއާއެކު ވައިގެ މަގުން ގުޅުވާލެވޭނެ ކަމަށެވެ. އެގޮތުން މުޅި ދެކުނުގެ އަތޮޅުތައް ގުޅުވާލަދޭ މައި ހަބަށް ވެގެން ދާނީ އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ކަމަށްވެސް މޯލްޑިވިއަން އިން ބުނެއެވެ.
އަންނަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާއިރު، މިހާރު ވަނީ ދަތުރުތަކަށް ބުކިން ހެދުމުގެ ފުރުސަތު ހުޅުވާލާފައެވެ. މޯލްޑިވިއަނުން މި ދަތުރުތައް ކުރަން ނިންމާފައިވަނީ ޖުމްލަ ފަސް ސެކްޓަރަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި އައްޑޫ ގަމުން ހުވަދު އަތޮޅުގެ ކާޑެއްދޫ އަދި ކޫއްޑޫގެ އިތުރުން ފުވައްމުލަކަށް ކުރާ ދަތުރުތައް ހިމެނެއެވެ. އަދި ފުވައްމުލަކުން ކާޑެއްދޫ އަދި ކޫއްޑޫއަށްވެސް ދަތުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުތަކުގެ އަގުތައް ފެށެނީ 500 ރުފިޔާއިންނެވެ. އެގޮތުން ކަނޑައަޅާފައިވާ އަގުތަކުގެ ތެރޭގައި ގަން - ފުވައްމުލަކު ސިޓީއަށް 500 ރުފިޔާ، ފުވައްމުލަކު ސިޓީ - ކޫއްޑޫ އިން ކާޑެއްދޫއަށް 650 ރުފިޔާ އަދި ގަން - ކާޑެއްދޫ އިން ކޫއްޑޫއަށް 900 ރުފިޔާ އެވެ.
މި ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަންގެ ސީޕްލޭން ފްލީޓުގައި ބޭނުންކުރާ ޓްވިން އޮޓަރ މަރުކާގެ 15 މީހުންގެ ޖާގައިގެ ބޯޓުތަކެވެ. މޯލްޑިވިއަނުން ހާމަކުރި ގޮތުގައި މި މަސައްކަތަކީ ޓްރާންސްޕޯޓު މިނިސްޓްރީން ސަރަހައްދީ ދަތުރުފަތުރު ހަރުދަނާ ކުރުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

