logo

ކުޅުދުއްފުށީ 2000 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި

އާމިނަތު މޫސާ
13 ގަޑިއިރު ކުރިން

ހދ. ކުޅުދުއްފުށި ސިޓީގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ 2،000 ހައުސިންގ ޔުނިޓުގެ ބިޔަ މަޝްރޫޢުގެ ބިންގާ އަޅައިފިއެވެ.

މި މަޝްރޫޢުގެ ބިންގާ އެޅުމަށް ކުޅުދުއްފުށީގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބާއި، ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމްގެ އިތުރުން، އެޗްޑީސީގެ މެނޭގިންގ ޑިރެކްޓަރ ބްރިގޭޑިޔާރ ޖެނެރަލް (ރިޓެޔަރޑު) ޢަލީ ޒުހައިރެވެ. މީގެ އިތުރުން ކުޅުދުއްފުށީގެ ދެ ދާއިރާގެ މަޖިލިސް މެންބަރުންނާއި ޓީމް ވަން އިންޑިއާ ޕްރައިވެޓް ލިމިޓެޑުގެ އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ކުރިއަށްގެންދާ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ، ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ، ޑިޒައިނިންގ އަދި އިންޖިނިއަރިންގ ދާއިރާގައި 30 އަހަރުގެ ތަޖުރިބާ ހުރި ކުންފުންޏެއް ކަމަށްވާ ޓީމް ވަން އިންޑިއާ ޕްރައިވެޓް ލިމިޓެޑާއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރު ވިދާޅުވީ، މި މަޝްރޫޢަކީ މިރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދައިމީ ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެއް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 14 ބުރީގެ 13 ޓަވަރު އިމާރާތް ކުރާނެއެވެ. އަދި އިމާރާތް ކުރާ 3 ކޮޓަރީގެ އެޕާޓްމެންޓުތަކަކީ، 900 އަކަފޫޓުގެ ޖާގަ ތަނަވަސް، ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރާ ތަންތަނެވެ.

މި މަޝްރޫޢުގެ ތެރޭގައި މިކްސް ރެސިޑެންޝަލް އިމާރާތްތަކުގައި ހިމެނޭ 1856 ފްލެޓާއި، އަމިއްލަ ގެދޮރު ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ. މިއީ މީގެ ކުރިން 2023 ވަނަ އަހަރު ފަށައި، ވަކި ހިސާބަކުން ހުއްޓިފައިވާ 400 ހައުސިންގ ޔުނިޓުގެ މަސައްކަތްވެސް ހިމެނޭހެން އެޗްޑީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ސަރުކާރުން ބުނިގޮތުގައި މި މަސައްކަތްތަކަކީ ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް މިހާތަނަށް ހިންގޭ އެންމެ ބޮޑު މަޝްރޫޢެވެ.

ad