logo

ހުޅުމީދޫގައި ޤާއިމުކުރި “އައްޑޫ ފިޝް ޕްރޮސެސިންގ ފެސިލިޓީ” ހުޅުވައިފި

އާމިނަތު މޫސާ
13 ގަޑިއިރު ކުރިން

ރާއްޖޭގެ ދެކުނުން ކަންނެލި ގަނެ ޕްރޮސެސް ކުރުމުގެ މަޤްޞަދުގައި އައްޑުއަތޮޅު ހުޅުމީދޫގައި ޤާއިމުކުރި “އައްޑޫ ފިޝް ޕްރޮސެސިންގ ފެސިލިޓީ” މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހުޅުވައިފިއެވެ.

އައްޑޫ ފިޝް ޕްރޮސެސިންގ ފެސިލިޓީ ހުޅުވީ އެކަމަށްޓަކައި ހުޅުމީދޫގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެތަން ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ސްޓޭޓް މިނިސްޓަރ އާމިނަތު ޙުސައިން ޝަރީފެވެ.

މި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ އަދި އެމްޑީ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) ފަރުޙަތު ޝަހީރާއި މިފްކޯގެ އިސްވެރިންނާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އައްޑޫ ހުޅުމީދޫގައި މިފްކޯއިން ހުޅުވި މި ސެންޓަރަކީ ރާއްޖޭގެ ދެކުނުން ކަންނެލި ގަނެ ޕްރޮސެސް ކުރުމުގެ މަޤްޞަދުގައި ހުޅުވި ސެންޓަރެެކެވެ. އެގޮތުން އައްޑޫ ފިޝް ޕްރޮސެސިންގ ފެސިލިޓީގެ ސަބަބުން އައްޑޫ ރައްޔިތުންނަށް ރައްކާތެރިގޮތުގައި މަސް ބަންދުކޮށް، އިތުބާރުހިފޭ އުފެއްދުންތަކެއްގެ ގޮތުގައި ލިބި، މަސްވެރިކަމުން ނަފާ އިތުރުކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

އައްޑޫ ފިޝް ޕްރޮސެސިންގ ފެސިލިޓީން މަސް ޕްރޮސެސް ކުރުމުގައި ބޭނުންކުރާނީ ބްލާސްޓް ފްރީޒިންގ މެތަޑެވެ. އެގޮތުން ބަންދުކުރެވޭ މަސް މިއަދުން ފެށިގެން މިފްކޯ ހުޅުމީދޫ ފިހާރައިން ގަންނަން ލިބެން ހުންނާނެއެވެ. މީގެ އިތުރަށް ޑިސްޓްރިބިއުޓަރުން ހޯދައި، އައްޑުއަތޮޅު ހުރިހާ ހިސާބަކުން މި ފެސިލިޓީގެ އުފެއްދުންތައް ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ad