ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ވަޒީރުންގެ މަޖިލިހަށް ގެންނެވި ބަދަލުތަކާއެކު މަގާމުގެ ހުވައިކުރެއްވި 14 ވަޒީރަކަށް ރުހުން ހޯދުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
މިއަދު މަޖިލީހުގެ ޖަލްސާގައި ކެބިނެޓަށް ރުހުން ދޭން އެދިވަޑައިގެން ރައީސް މުއިއްޒު ފޮނުއްވި ސިޓީ ވަނީ އިއްވައިފައެވެ. ރިޔާސަތުން މަޖިލީހުގެ ނައިބުރައީސް އަޙްމަދު ނާޒިމު ވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް އެ މައްސަލަ ފޮނުއްވައިފައެވެ.
ރައީސް މުއިއްޒު ކެބިނެޓަށް ބަދަލު ގެންނަވައި އަލުން އެކުލަވައިލެއްވީ 10 ވަޒީރަކު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމުންނެވެ. ރައީސް އޮފީހުން ވިދާޅުވި ގޮތުގައި އެ ވަޒީރުން އިސްތިއުފާދެއްވީ ރައްޔިތުން އެދޭ ބަދަލުތައް ސަރުކާރަށް ގެންނެވުމަށް ރައީސަށް ޖާގަދެއްވުމުގެ ގޮތުންނެވެ.
އެއާއެކު ސަރުކާރުން ވަނީ ބައެއް ވުޒާރާތައް އެއްކުރައްވައި ކުރިން ހުރި ބައެއް ވުޒާރާތައް އުވާލައްވާފައެވެ. އަދި ވުޒާރާތަކުގެ މެންޑޭޓު މުޅިން އަލަށް އެކުލަވައިލައްވާފައިވެއެވެ. ވުޒާރާތަކުގެ އަދަދުވެސް 15 އަށް ކުޑަކުރައްވައި އިދާރީ އޮނިގަނޑު އަލުން ތަރުތީބުކުރެއްވުމަށް ރައީސް ނިންމެވިއެވެ.
އެ ނިންމެވުމާ އެއްގޮތަށް އޮނިގަނޑު ތަރުތީބުކުރެއްވުމާއެކު، ކުރިއްސުރެ ކެބިނެޓުގައި ހިމެނިވަޑައިގެންނެވި ބޭފުޅުންނާއި އަލަށް ވަޒީރުންގެ މަޖިލީހާ ގުޅިވަޑައިގެންނެވި ހަތަރު ބޭފުޅަކާއެކު ޖުމްލަ 14 ބޭފުޅުން ވަޒީރުގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ހުވާ ވަނީ ކުރައްވައިފައެވެ.
އަލަށް އައްޔަންކުރެއްވި ވަޒީރުންގެ ތެރޭގައި ހެލްތު މިނިސްޓަރު ގީލާ އަލީ، ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު، އެންވަޔަރަންމަންޓް މިނިސްޓަރު އަލީ ޝަރީފް އަދި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ހިމެނިވަޑައިގަންނަވައެވެ. ކުރިން 20 މިނިސްޓަރުން ތިއްބެވި ނަމަވެސް، މިހާރު ކެބިނެޓުގައި ތިއްބަވާނީ ބަންޑާރަ ނައިބާއެކު ޖުމްލަ 15 ބޭފުޅުންނެވެ.
ގިނަ ވަޒީރުންތަކެއް އިސްތިއުފާދެއްވި އިރުގައި ދައުލަތުގެ ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ވެސް ވަނީ އިސްތިއުފާދެއްވާފައެވެ. އަދި ބައެއް ބޭފުޅުން މަގާމުން ވަކިކޮށްފައި ވެސްވެއެވެ.

