މަސްވެރިކަން ކުރާ ދޯނިފަހަރަށް މާދަމާ އިން ފެށިގެން އެސްޓީއޯ ޝެޑް ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި ހާލަތުގައިވެސް މަސްވެރިކަމުގެ ސިނާއަތް ހުއްޓުނަނުދީ ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވާފައިވާ އިރުޝާދުގެ މަތިން، ސަރުކާރުން ވަނީ މަސްވެރި، އުޅަނދުފަހަރަށް ހެޔޮ އަގެއްގައި ޑީސަލް ވިއްކަން ފަށާފަކަމަށެވެ.
އެގޮތުން މާރޗް މަހުން ފެށިގެން ހުޅުމާލެ ކ.ހިންމަފުށި. ޅ. ފެލިވަރު، ގއ.ކޫއްޑޫ، ސ.ހުޅުދޫ މިފްކޯ އަދި އެފްއެސްއެމް ޝެޑުން ހެޔޮ އަގެއްގައި ތެޔޮ ވިއްކަން ވަނީ ފަށާފައެވެ. އަދި މިޕްރޮގްރާމް އިތުރަށް ފުޅާކޮށް، ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގައި އަގު ހެޔޮ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނޭ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރި މަސައްކަތުން އެފްއެސްއެމްގެ ސްކިޑް ގާއިމް ކޮށްފައިވާ އިތުރު 8 ރަށަކުން އަގު ހެޔޮ ރޭޓެއްގައި މަސްވެރިންނަށް ތެޔޮ ލިބިގެން ދާނެއެވެ.
މިނިސްޓްރީން ބުނީ، ސަބްސިޑައިޒް އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް މިހާރު ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި ހަމަޖެހިފައެވެ.
އެގޮތުން، ދަށުން މިހާރު އަގުހެޔޮކޮށް މަސްވެރިންނަށް ތެޔޮ ލިބޭނެ ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހއ އިހަވަންދޫ، ހދ ހަނިމާދޫ، ށ. މިލަންދޫ، ބ. އޭދަފުށި، ފ. ނިލަންދޫ، ރ ދުވާފަރު، ދ.ކުޑަހުވަދޫ، ކ.ހިންމަފުށި، ޅ.ފެލިވަރު، ސ.ހުޅުމީދޫ، ގއ.ކޫއްޑޫ، ކ.ހިންމަފުށި، ހުޅުމާލެޖެޓީ އެވެ.
މިއާ އެކު އެފްއެސްއެމްގެ ހިދުމަތްދޭ 13 ރަށަކުން އަގު ހެޔޮކޮށް މަސްވެރިންނަށް ތެޔޮ ލިބޭނެއެވެ. ތެޔޮ އަޅަން ދާއިރު މަސްވެރިކަން ކުރާ ފަރާތްތަކުން އެފަރާތްތަކުގެ ލައިސަންސްގެ ކޮޕީއާއި އަދި އެންމެ، ފަހުން މަސްކިރުވި ރަސީދު ގެންދަން ޖެހެއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

