logo

ވަށަފަރުގައި ލެބޯޓަރީގެ ހިދުމަތް ފަށައިފި

އާމިނަތު މޫސާ
9 ގަޑިއިރު ކުރިން

ހއ. ވަށަފަރު ސިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

މި ޚިދުމަތް ފައްޓަވައިދެއްވީ އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޘިމް އިބްރާހީމްއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރުގެ އިތުރުން މިނިސްޓްރީގެ އިސްވެރިންނާއި، ވަށަފަރު ކައުންސިލްގެ މެންބަރުންނާއި، އެ ރަށު ސިއްޙީ މަރުކަޒުގެ އިސް މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

ވަށަފަރުގައި ޤާއިމްކުރި މި ލެބޯޓްރީއަކީ، ލެބޯޓަރީގެ ޚިދުމަތް ނެތް ރަށްރަށުގައި އެ ޚިދުމަތް ޤާއިމްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މިހާތަނަށް ނިންމާލެވުނު 16 ވަނަ ލެބޯޓަރީއެވެ.

ހެލްތް މިނިސްޓްރީން މަޢުލޫމާތުދިން ގޮތުގައި، މިއަހަރުގެ ތެރޭގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރެވިފައި ނެތް 76 ރަށެއްގައި މި ޚިދުމަތް ފެށުމަށް އަންނަނީ ބާރުސްޕީޑެއްގައި މަސައްކަތް ކުރަމުންނެވެ. މިއީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ސިއްޙީ ޚިދުމަތްތައް އެމީހަކު ދިރިއުޅޭ ރަށަކުން ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތެކެވެ.

ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު، މިނިސްޓަރު ޢަބްދުﷲ ނާޘިމް ވަނީ ވަށަފަރު ސިއްޙީ މަރުކަޒުގެ އެސްއެމްޓީއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މަރުކަޒުގެ މަސައްކަތްތަކުގައި ހުރި ގޮންޖެހުންތަކާއި މުވައްޒަފުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައި، އެކަންކަމަށް ޙައްލު ހޯދޭނެ ގޮތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ad