"އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ރާއްޖޭގެ މަޝްހޫރު ނޫސްވެރިޔާ އަދި އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ މިހާރު ހުރީ ޖަލަށް ދާން ޖެހުނަސް ތައްޔާރަށެވެ. ކާކުކަން ނޭނގޭ ގޮތަށް އަޑު ބަދަލުކޮށްގެން ދައްކާފައިވާ ވާހަކަތަކެއް ހިމަނައިގެން އަދަދު އޮންލައިނުން ހެދި "އައިޝާ" ޑޮކިއުމެންޓްރީގައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގަޒްފުގެ ތުހުމަތުތަކެއް ކޮށްފައެވެ. އަދި އެކަމާ ގުޅިގެން ހުސައިން ފިޔާޒު މޫސާ ފުލުސް އޮފީހަށް ހާޒިރުކުރުމުން އޭނާ އިޙްތިޔާރުކުރީ ހަނުހުންނާށެވެ. އެންމެ ރަނގަޅުގޮތަކީ އެއީ ކަމަށް ބުނެ ފިޔާޒް ވިދާޅުވީ ތަހުގީގުގައި ފުލުހުން ސުވާލުކުރީ މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް ކަމަށް ވާތީ އެ ތަހުގީގުގައި ހަނު ހުރުމުގެ ހައްގުގެ ބޭނުންކުރީ ކަމަށެވެ.
ނޫސްވެރިކަމަކީ ވަރަށް ބާރުގަދަ ހަތިޔާރެކެވެ. ދުލާ ގަލަމުގެ މިނިވަން ކަމަކީ ވަރަށް ބުރަ މަސައްކަތެއްގެ ނަތީޖާއެކެވެ. ނޫސްވެރިކަމުގަ ނޫސްވެރިއާއަށް އޭނާއަށް ލިބޭ މައުލޫމާތުގެ މަސްދަރު ހާމަ ކުރުމަކީ ނޫސްވެރިކަމަށް ލިބޭ ވަރަށް ބޮޑު ދެރައެކެވެ. އެހެންނަމަވެސް އިހަށް މިވާހަކަ ދެއްކޭކަށް ނެތެވެ. ސަބަބަކީ މިހާރު މި ދިމާވެގެންއުޅޭ ކަންތަކުގެ ބޮޑުކަމުންނެވެ. ގައުމުގެ ވަލިއްޔުލްއަމްރުގެ ބޮލުގަ ގަޒްފްގެ ތުހުމަތެއް އެޅުމަކީ ކުޑަކަމެއް ނޫނެއް ނޫންތޯއެވެ. ރާއްޖޭގަ މިހާރު ދިމާވެގެންއުޅޭ މި ބޮޑު ކަަމުގެ ގޮތުން މަަސްދަރު ހާމަކުރުމަކީ ކޮންމެހެން މުހިންމު ކަމަކަށްވަނީ މިފާހަގަކުރި ސަބަބު އޮތީމަ ކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ.
ހަގީގަތަކީ މި ދައްކާ ވާހަކައަކީ ކުޑަވާހަކައެއްނޫންކަމެވެ. މިއީ ބިރުބޮޑު ބިރުވެރި ވާހަކަތަކެވެ. މި ދައްކަނީ އާދައިގެ މީހެއްގެ ވާހަކައެއް ނޫން ކަމަށްވާތީއެވެ.
ގައުމު ހަލަބޮލިވެ، އިސްލާމީ ގައުމެއްގެ ވަލިއްޔުލް އަމްރުގެ މައްޗަށް ތުހުމަތުތަކެއްކޮށް އަދި ނުވިތާކަށް ހަނުހުރުމުގެ އިޙްތިޔާރު ބޭނުން ކުރުން މި ބުނާ ބީދައިން ބަލައި ނުގަނެވޭތީ ރައްޔިތުން ތިބީ ބޮޑު ހަމަނުޖެހުމަކާ ދިމާލުގައެވެ. އެހެންވީމަ މިއީ މަޖާ ކަމެއްނޫނެވެ. މިއީ ކުޅޭ ކުޅިވަރެއްވެސް ނޫނެވެ. މިއީ ގައުމެއްގެ ނިސްބަތުން ގައުމު ހަލާކުވެދާނެ ވަރުގެ ބޮޑު ވާހަކައެކެވެ. އެހެންވީމަ ރައްޔިތުންނާ ހިސާބަށް މި މައްސަލަ ބޮޑު ޑޮކިއުމެންޓްރީ އެއްގެ ގޮތުގައި ފޮނުވި ގޮތަށް މަސްދަރަށް ބަލަނީ ކީއްވެތޯއެވެ. ރައްޔިތުން ބޭނުންވަނީ ޖަލުން އަރާމް ކޮޓަރިއެއް ދޭކަށްނޫނެވެ. ރައްޔިތުން ބޭނުންވާނީ ފަސާދަ ބޮޑުވެގެން ގޮސް ގައުމު އަރިއަޅާލުމުގެ ކުރިން ކުރެވޭ ބިޔަ ތުހުމަތުގެ ހަގީގަތް އެނގޭށެވެ.
އެކަމަކު ފިޔާޒް ވިދާޅުވަނީ ނޫސްވެރިކަމުގެ ހަޔާތުގައި ފިޔާޒު ކުރެއްވި މަސައްކަތުގެ އެންމެ މުހިންމު ކަމަކީ މަސްދަރު ހިމާޔަތްކުރުން ކަމަށެވެ. އެއީ، މައުލޫމާތު ދޭން ތިބޭ މީހުންގެ ރައްކާތެރިކަން ކަށަވަރުކޮށް، އެ މީހުން ދޭ މައުލޫމާތެއްގެ ސަބަބުން ގެއްލުމެއް ނުލިބޭނެކަން ކަށަވަރު ކޮށްދިނުމަށް ކަމަށެވެ. އެކި މަސްދަރުތަކުން ދޭ މައުލޫމާތު ރައްކާތެރިކަމާ އެކު ބަލަހައްޓާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. އަދި ފާހަގަ ކުރެއްވީ އުމުރު ދުވަހު ޖަލު އޮންނަން ޖެހުނު ނަމަވެސް މަސްދަރު ހިމާޔަތްކުރާނެކަމަށެވެ. އެކަމަކު މިވަގުތު ގައުމަށް ހެވެއް އެދޭނަމަ މުހިންމީ މަސްދަރު ހެއްޔެވެ؟
ތިބި އެޗެއްނަމަ ހާމަކުރަންވީ ނޫންތޯއެވެ.
މިހާ ހިސަބުން ރައްޔިތުން އުފައްދަނީ ބޮޑު ސުވާލެކެވެ. ގައުމު އޮތީ ހަލަބޮލިކަމެއްގައި ކަމަށްވާއިރު، މި ކުރަނީ ހަމަ ފަސާދަ ނޫންތޯއެވެ. އިސްލާމީ ގައުމެއްގެ ވަލިއްޔުލް އަމްރުގެ މައްޗަށް މިވަރުގެ ތުހުމަތުތަކެއް ކުރެވޭ އިރު އަދިވެސް ފަސާދައަށް ހުޅުވާލަންވީތޯއެވެ. މާތްވެގެންވާ އިސްލާމްދީނުގައި ކޮންމެ މީހެއްގެ އަބުރަކީވެސް ހުރުމަތްތެރިވެގެންވާ އެއްޗެކެވެ. ގައުމުގެ ވަލިއްޔުލް އަމުރުގެ އަބުރުފުޅުގެ ހުރުމަތްތެރިކަންވެސް ބޮޑެވެ. ނަމަވެސް އިދިކޮޅުން މި ފެންނަނީ ވަރަށް ނާތަހުޒީބު އަމަލުތަކެވެ. މިފަދަ ނާތަހްޒީބު އަމަލުތައް ހުއްޓުވުމަށް ހަރުކަށި ފިޔަވަޅު އެޅުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. ޝޯސަލް މީޑިއާގައި ޚިޔާލު ފާޅުކުރުން ވަރަށްބޮޑަށް ހުޅުވިފައި އޮތް މިޒަމާނުގައި، ބޮޑެތިވަމުން އަންނަ ކުދިންނަށް މި ދައްކައިދެވެނީ ވަރަށް ގޯސް މަންޒަރުތައް ކަމަށްވާއިރު، މުޖުތަމަޢުގެ އިޖްތިމާއި ފޭރާން ވީދެނީ ބަޔަކު ވީދީމަ ނޫންތޯއެވެ.
އަންނާން އޮތް ޖީލުތަކުގެ މުސްތަގްބަލަށް ޓަކައި ވެސް މިކަމަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ވަރަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ. މިއީ އެންމެންގެ ގައުމެކެވެ. މިތާ ބޭނުން ވަނީ އެންމެންނަށް ވެސް އިންސާފެވެ. ދޮގާއި މަކަރާއި ހީލަތާއި ފަސާދައެއް ނޫނެވެ.


