logo

މިފްކޯއިން ވިއްކާ މަސްދަޅުގެ އަގަށް ބަދަލު ގެނެސްފި

އާމިނަތު މޫސާ
9 ގަޑިއިރު ކުރިން

މަސްދަޅުގެ އަގަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބަދަލު ގެނެސްފިއެވެ.

މިފްކޯއިން ބުނީ މި ބަދަލު ގެންނަން ޖެހުނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، މަސްދަޅު އުފެއްދުމަށް ހިނގާ ޚަރަދު ވަރަށް ބޮޑަށް މައްޗަށް ދިއުމާ ގުޅިގެން ކަމަށެވެ.

މިފްކޯއިން 17.50 ރުފިޔާއަށް ވިއްކަމުން އައި މަސްދަޅު ދެން ލިބޭނީ 18.50 ރުފިޔާއަށެވެ. މި ބަދަލާއެކު، ތެޔޮ މަސްދަޅު ކޭހެއް ވިއްކުމަށް ހަމަޖެހިފައިވަނީ 800 ރުފިޔާ އަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ގެއްލުމުގައި ހިންގާ މިފްކޯގެ ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ރަސްމީ މަސައްކަތު ގަޑިން ދެ ގަޑިއިރު މަދުކުރަން ވެސް އިއްޔެ ވަނީ ނިންމައިފައެވެ.

މިދިޔަ ފެބްރުވަރީ މަހުގެ 28ގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދީ، ފެށި ހަނގުރާމައާ ގުޅިގެން ތަކެތީގެ އަގުތައް ދަނީ އުފުލެމުންނެވެ. އޭގެ މައިގަނޑު ސަބަބަކީ، އީރާނުން، އެ ގައުމާ ކައިރީ އޮންނަ ހޮރުމުޒް ކަނޑުއޮޅި ބަންދުކުރުމާއެކު، ތެޔޮ އުފުލަން ދަތިތައް ކުރިމަތިވުމެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މުޅި ދުނިޔޭގެ އިޤްތިޞާދަށް އަންނަ ހީނަރުކަމާއެކު ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން މިފްކޯގެ އުފެއްދުންތެރިކަމުގެ ޚަރަދު ބޮޑުވެފައިވީނަމަވެސް އެ ކުންފުނިން ފިޔަވަޅުތައް އަޅަމުންދާނީ ރައްޔިތުންނަށް އޭގެ އަސަރު އެންމެ ކުޑަވާނެ ގޮތަކަށް ކަމަށް މިފްކޯއިން ބުނެއެވެ.

ad