ރާއްޖެއަށް ބޭނުންވާ ކައްކާ ގޭހުގެ އައު ޝިޕްމަންޓެއް ލިބިފައިވާ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިއަދު ބުނެފި އެވެ.
އެސްޓީއޯއިން ބުނީ، ގޭހުގެ އައު ޝިޕްމެންޓެއް މިއަދު ރާއްޖެ ގެނެސް ބާޒާރުގައި ކުރިމަތިވެފައިވާ ގޭހުގެ ދަތިކަން ޙައްލުކޮށްފައިވާ ކަމަށެވެ. އަދި މި ޝިޕްމަންޓާއެކު މޯލްޑިވްސް ގޭސް މެދުވެރިކޮށް މިހާރު 10 ކިލޯގެ ގޭސް ފުޅި އާންމުންނަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުޏެއެވެ.
އެ ކުންފުނިން ދަނީ ކަސްޓަމަރުންނަށް އެއްވެސް ދައްޗެއް ނެތި ގޭސް ފޯރުކޮށްދޭން މަސައްކަތް ކުރަމުންނެވެ. އެގޮތުން ގޭހުގެ ދަތިކަން ކުރިމަތިނުވެ ހުރިހާ ކަސްޓަމަރުންނަށް ގޭސް ލިބޭނެ ކަން ކަށަވަރު ކުރުމަށް 10 ކިލޯގެ ގޭސް ފުޅި ވިއްކުން ވަގުތީ ގޮތުން މަޑުޖައްސާލި އެވެ.
އެގޮތުން 10 ކިލޯގެ ގޭސް ފުޅީގެ ބަދަލުގައި ޑިސްކައުންޓް ރޭޓުތަކެއްގައި ވިއްކަމުން ދިޔައީ 5 ކިލޯގެ ގޭސް ފުޅިއެވެ. ނަމަވެސް އައު ޝިޕްމަންޓް ލިބުމާއެކު ކުރިއެކޭ އެއްގޮތަށް ހިދުމަތް ދޭން ފަށާފައިވާ ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.
މެދުއިރުމަތީގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ވަނީ، ވަރަށް ބޮޑަށް އުފުލިފައެވެ. ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު އުފުލިފައިވާއިރު، ރާއްޖެއަށް އެތެރެކުރާ ޕެޓްރޯލާއި ޑީސަލަކީ އެންމެ މަތީ މިންގަނޑަށް ސާފުކޮށްފައި ހުންނަ ތެޔޮ ކަމުން، އެ ބާވަތްތަކުގެ އަގުވެސް ވަނީ ބޮޑުތަނުން އުފުލިފައެވެ. ނަމަވެސް ތެލާއި ގޭސް ހުސްނުވެ ލިބޭނެ އިންތިޒާމުތައް ސަރުކާރުން ދަނީ ހަމަޖައްސަމުންނެވެ.
ހާއްސަކޮށް އެ ތަކެތީގެ އަގު ބޮޑުތަނުން އުފުލި އެކަމުން ރައްޔިތުންނަށް ތަކުލީފަކަށް ނުވާނެ ގޮތަށް ސަރުކާރުން ދަނީ ކަންކަން އިންތިޒާމު ކުރަމުންނެވެ.

