ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ސުމޫދު ފްލޮޓީލާ ހަރަކާތަށް ޔަހޫދީ ދައުލަތުން ހުރަސް އެޅުމާ ގުޅިގެން ދިވެހިރާއްޖެ ހިމެނޭހެން 10 ޤައުމަކުން އެ އަމަލުތައް ކުށްވެރިކޮށްފިއެވެ.
ސުމުދް ފްލޮޓިލާއަށް އިސްރާއީލުން ދިން ޙަމަލާތަކާ ގުޅޭގޮތުން ދިވެހި ސަރުކާރާއި، ބަންގްލަދޭޝް، ބްރެޒިލް، ކޮލަމްބިއާ، އިންޑޮނޭޝިޔާ، އުރުދުން، ލީބިޔާ، ޕާކިސްތާން، ސްޕެއިން އަދި ތުރުކީގެ ޚާރިޖީ ވަޒީރުން ސޮއިކުރެއްވި ޖޮއިންޓް ސްޓޭޓްމަންޓް ނެރެފައެވެ.
މިއީ ފަލަސްޠީނުގެ ރައްޔިތުންނަށް ލިބެމުންދާ އިންސާނީ ތަކުލީފުތައް ބައިނަލްއަޤްވާމީ ސަމާލުކަމަށް ގެނައުމުގެ މަޤްޞަދުގައި ހިންގާ ޞުލްޙަވެރި މަދަނީ އިންސާނީ އެހީތެރިކަމުގެ މަސައްކަތެކެވެ.
މި ބަޔާނުގަ ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުގައި އިސްރާއީލުން ހަރަކާތްތެރިވަމުންދާ ފްލޮޓިލާތަކަށް އިސްރާއީލުން ނުފޫޒު ފޯރުވާފައިވާކަން ފާހަގަކުރައްވައި، މަދަނީ އުޅަނދުފަހަރަށާއި، އިންސާނީ އެހީއަށް މަސައްކަތްކުރާ އެކްޓިވިސްޓުންނަށް އަމާޒުކޮށް ހިންގާ ޖަރީމާތައް ކުށްވެރި ކުރެއްވިއެވެ. މިފަދަ ހަމަލާތަކުގެ ތެރޭގައި އުޅަނދުތަކަށް ހަމަލާ ދިނުމާއި، އެކްޓިވިސްޓުން ހައްޔަރު ކުރުމަކީ ބައިނަލްއަގުވާމީ ގާނޫނާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނާ ކަނޑައެޅިގެން ހިލާފު ކަމެކެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރުން ވަނީ ފްލޮޓިލާގައި ބައިވެރިވާ ޢާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާމެދު ކަންބޮޑުވުން ފާޅުކުރައްވައި، ހައްޔަރުކޮށްފައިވާ އެކްޓިވިސްޓުން ވަގުތުން ދޫކޮށްލުމަށާއި، އެމީހުންގެ ޙައްޤުތަކާއި ކަރާމާތަށް ފުރިހަމައަށް އިޙްތިރާމް ކުރުމަށް ގޮވާލައްވާފައެވެ
މީގެ އިތުރުން ސުލްހަވެރި އިންސާނީ އެހީއަށް ތަކުރާރުކޮށް ހަމަލާތައް ދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ކަނޑުދަތުރު ކުރުމުގެ މިނިވަންކަމަށް އިހުތިރާމް ކުރާ މިންވަރު ރަމްޒުކޮށްދޭ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ޤާނޫނީ އަދި އަޚްލާޤީ ޒިންމާތައް އުފުލައި، ޢާންމު ރައްޔިތުންނާއި، އިންސާނީ މިޝަންތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށާއި، މިޢަމަލުތައް ހުއްޓުވައި، އެކަންކަން ޖަވާބުދާރީ ކުރުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢަށް ގޮވާލާފައިވެއެވެ.

