logo

ވިލިމާލެ ޢީދު ވަދާއީ ޝޯގައި މިރޭ ހަވާއެރުވުންވެސް އޮންނާނެ: ވައިޑީ ސްޕޯޓްސް ކްލަބް

ދިވެހި ޗެނަލް
ދިވެހި ޗެނަލް
11 ގަޑިއިރު ކުރިން

މިރޭ ވިލިމާލޭގައި ބާއްވާ ޢީދު ވަދާއީ ޝޯގައި ހަވާއެރުވުންވެސް އޮންނާނެކަމަށް ވިލިމާލެ ޢީދު ހަރަކާތްތައް ރާވާ ހިންގަމުންދާ ޔޫތް ޑިވެލޮޕްމެންޓް (ވައިޑީ) ސްޕޯޓްސް ކްލަބުން ބުނެފިއެވެ.

"އަޟްޙާ ޢީދު" ފާހަގަކުރުމުގެ ގޮތުން މިރޭ 21:45އާއި 22:15އާ ދެމެދުގެ ވަގުތެއްގައި ވިލިމާލެއާ ދިމާ ބޭރުން ހަވާ އެރުވުމަށް ހަމަޖެހިފައިވާކަން އެމްއެންޑީއެފުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އެމްއެންޑީއެފުން ބުނީ ހަވާ އެރުވުން ކުރިއަށްދާނީ ގާތްގަނޑަކަށް 5 މިނެޓެއް ހާއިރުކަމަށެވެ.

މިރޭ 20:00 ގައި ވިލިމާލެ ބަނދަރު ސްކުއެއަރގައި ބާއްވާ ޢީދު ވަދާއީ ޝޯ އާ ގުޅޭގޮތުން ދިވެހި ޗެނަލަށް މައުލޫމާތު ދެމުން، ޝޯ ވަރަށް ފޯރިގަދަވާނެކަމުގެ ޔަޤީންކަން ވައިޑީ ސްޕޯޓްސް ކްލަބުން ވަނީ ދީފައެވެ. އެގޮތުން މިރޭގެ ޝޯގައި ދިވެހި މިޔުޒިކީ ދާއިރާގައި ފުންނާބު އުސް އެތައް ފަރާތެއްގެ ހުށަހެޅުންތައް އޮންނާނެއެވެ. އޭގެ ތެރޭގައި ޓްރެފިކް ޖޭމް މިއުޒިކް ބޭންޑް، ބިދަބިން ބޮޑުބެރު ގްރޫޕް، އަޗޭސިއާ މިއުޒިކް ބޭންޑް އަދި ހުވަން މިއުޒިކް ބޭންޑް ހިމެނެއެވެ.

މިފަހަރުގެ ޢީދު ފާހަގަކުރުމަށް ވިލިމާލޭގައި ވަނީ ޢީދުގެ ހުރިހާ ދުވަހެއްގައިވެސް ފޯރިގަދަ އެތައް ހަރަކާތެއް ބާއްވާފައެވެ. މި ހަރަކާތްތައް ބެލުމަށް ފުރަމާލެއާއި ހުޅުމާލެއިންވެސް އެތައް ސަތޭކަ ބަޔަކު ވިލިމާލެ ޒިޔާރަތްކޮށްފައިވެއެވެ. ވައިޑީ ސްޕޯޓްސް ކްލަބުން ބުނީ މިރޭގެ ވަދާއީ ޝޯއަށްވެސް ވީހާވެސް ގިނަބަޔަކު އާއިލާއާއެކު އައިސް ޢީދުގެ ފޯރީގައި ބައިވެރިވެ ހަވާ އަދި ޝޯ ބަލަން ދައުވަތު އަރުވާކަމަށެވެ.

ރާއްޖެ އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުންވެސް ޝޯ ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކަށް މިރޭގެ ޝޯ ޓީވީން ('މީޑިއާނެޓް' 114) ދިވެހި ޗެނަލުން އަދި ދިވެހި ޗެނަލުގެ ފޭސްބުކް ޕޭޖުންނާއި 'ހިލޭ ޓީވީ' ސްޓްރީމިން އެޕުން ލައިވްކޮށް ބައްލަވާލެވޭނެއެވެ.

ad