ސިވިލް ސަރވިސްގައި މަސައްކަތްކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިން އޮފީހަށް ހާޒިރުނުވެ، އޮފީހުގެ ރަސްމީ މަސައްކަތްތައް ކުރުމަށް އެދޭ ހާލަތުގައ،ި އެގޮތަށް މަސައްކަތްކުރުމުގެ ހުއްދަ އެ އިދާރާއަކުންދޭ ގޮތަށް ސިވިލް ސަރވިސް ޤަވާއިދު އިޞްލާޙުކޮށްފިއެވެ.
މި އިސްލާހްގައި ބުނެފައުވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމުގެ ހުއްދަ ދޭންވާނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ އާންމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތަކުގައި އެހެން ފަރާތެއްގެ އެހީތެރިކަން ބޭނުންވާނެ މިންވަރު ބަޔާންކޮށް ޞިއްޙީ މަސައްކަތްތެރިޔަކު ދޫކޮށްފައިވާ ލިޔުމަކަށް ރިއާޔަތްކޮށް ކަމަށެވެ.
މީގެ ތެރޭގައި ހިިމެނެނީ އާންމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތަކުގައި އެހެން ފަރާތެއްގެ އެހީތެރިކަން ކޮންމެހެން ވެސް ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ބެލެނިވެރިން ކަމަށްވެސް ވަނީ ބަޔާން ކޮށްފައެވެ. އެގޮތުން އެކި ދަރަޖަތައް ކަނޑައަޅާފައިވާއިރު، 3 ދަރަޖައެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ފުރަތަމަ ދަރަޖައަކީ އާންމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތަކުގައި އެހެން ފަރާތެއްގެ އެހީތެރިކަން ކޮންމެހެން ވެސް ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ބެލެނިވެރިނެވެ.
2 ވަނަ ދަރަޖަ އަކީ އާންމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތަކުގައި އެހެން ފަރާތެއްގެ އެހީތެރިކަން މެދުމިންވަރަކަށް ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިން ކަމަށާއި، 3 ވަނަ ދަރަޖަ އަކީ އާންމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތަކުގައި އެހެން ފަރާތެއްގެ އެހީތެރިކަން ބޭނުންނުވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިން ކަމަށެވެ.
ދަރަޖަ 1 ގައިވާ ބެލެނިވެރިންނަށް މުޅި ދުވަހު އެއްކޮށް އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމުގެ ހުއްދަ ދޭންވާނެ ކަމަށްވެސް ބުނެފައި ވެއެވެ.
މި ގަވާއިދަށް ޢަމަލުކުރަން ފަށާނ،ީ 2026 މާރިޗު 1 ވަނަ ދުވަހުން ފެށިގެންނެވެ.

