logo

އެންމެ ފަޚްރުވެރި މަޤާމު އޮންނަން ވާނީ ދިވެހި ސިފައިންނަށް : ރައީސް

އާމިނަތު މޫސާ
2 ގަޑިއިރު ކުރިން

ދިވެހި ޤައުމު މިނިވަންކަމާއެކު މިއަދާހަމައަށް ގެނެސްދީފައި ވަނީ ދިވެހި ސިފައިންގެ ހިތްވަރާއި ޖިހާދުން ކަމަށާއި، ދިވެހި ޤައުމު ދެކެ ލޯބިވާ ކޮންމެ މީހެއްގެ ހިތުގައި އެންމެ ފަޚްރުވެރި މަޤާމު އޮންނަން ވާނީ ދިވެހި ސިފައިންނަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދުވެސް މި ޖަލްސާގައި ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިނިވަންކަމާއި ސިޔާދަތީ ރަތް ރޮނގު، ސަލާމަތްތެރިކަމާއެކީގައި ހިމާޔަތްކޮށްދީ، ދަމަހައްޓައިދެނީ އަމިއްލަ ނަފުސަށްވުރެ ޤައުމު އިސްކުރައްވައިގެން ސިފައިން ކުރައްވާ ބުރަ މަސައްކަތުންކަމުގައި ސިފަކުރައްވާ، ސިފައިންގެ ކޮންމެ މީހެއްގެ ކުރިއެރުންވެސް މުހިންމުކަމުކަމަށެވެ. އެހެންވެ ދިވެހި ސިފައިންގެ ކުރިއެރުމާއި ލާބައަށްޓަކައި ކުރަން ނިންމާފައިވާ ބައެއް ކަންކަން އެމަނިކުފާނު ވަނީ ހިއްސާކުރައްވާފަ އެވެ.

އެގޮތުން، ބޯހިޔާވަހިކަމަކީ ދިވެހި ކޮންމެ ރައްޔިތެއްގެވެސް އަސާސީ އެއް ޙައްޤަކަށް ވާހިނދު، ދިވެހި ސިފައިންނަށްވެސް މި ޙައްޤު ފުރިހަމަވާންޖެހޭ ކަމަށާއި، ސަރުކާރުގެ ހައުސިންގް ސްކީމްތަކުގެ ތެރެއިން، އަސާސީ ބޯހިޔާވަހިކަން ލިބޭ ސިފައިންގެ ޢަދަދު އިތުރުކޮށްދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ހަމަމިއާއެކު، ސިފައިންގެ ޚިދުމަތުގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރަމުންދާ ސިފައިންނަށް، އެއް ރޭންކުގައި ވަކި މުއްދަތެއް ވިއަސް، މިހާރު އޮތް ޤަވާއިދުގެ ތެރެއިން ލިމިޓޭޝަން ހަމަވާ ގޮތަށް އޮތް އޮތުން ބަދަލުކުރައްވައި، ސިފައިންގެ ޚިދުމަތުގައި ދެމި ހުރެވޭނެ ގޮތަށް ބަދަލުކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސިފައިންގެ ކޮންމެ މީހެއްގެ ޢާއިލާ ދިރިއުޅޭ ސަރަޙައްދު ހިމެނޭ އޭރިއާ ކޮމާންޑެއްގައި ޑިއުޓީ އަދާކުރެވޭނެ ފުރުޞަތު ޤާއިމުކޮށްދެއްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު ވަނީ މެޑެއްޔާއި ފިލާ ހަވާލުކޮށްދެއްވާފައެވެ. އެގޮތުން މަތިވެރި ޚިދުމަތުގެ މެޑަލް، ރައީސުލްޖުމްހޫރިއްޔާގެ މެޑަލް، ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމުގެ މެޑަލް، ހަށިހެޔޮކަމުގެ ކުލަ ހާސިލުކުރެއްވި ސިފައިންނާއި، 2025 ފިޓަސްޓް ސޯލްޖަރ އަންހެން، އަދި ފިރިހެންގެ އިތުރުން، ފިޓަސްޓް ޔުނިޓަށް މެޑައްޔާއި ފިލާ ހަވާލުކޮށްދެއްވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ސިފައިންގެ ޚިދުމަތުގެ ސާވިސް ކޯގެ ދަށުން ހިންގާ ސްކޫލް އޮފް އިންޖިނޭރިން އެންޑް ލޮޖިސްޓިކްސް ރަސްމީކޮށް ހުޅުއްވައިދެއްވައި، އިފްތިތާޙުކޮށްދެއްވާފަ އެވެ. ބ. ކިހާދޫގައި ހިންގާ މި ސްކޫލަކީ ދިވެހި ސިފައިންގެ ފަންނީ ހުނަރާއި، އިލްމީ ގާބިލްކަން އިތުރުކުރުމަށްޓަކައި ހިންގޭ މަރުކަޒެކެވެ.

ދިވެހި ސިފައިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޭޕްރިލް މަހުގެ 21 ވަނަ ދުވަހެވެ.

ad