ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އެކްސްޗޭންޖް ކައުންޓަރަށް ގެންދިޔަ ބީ.އެމް.އެލްގެ ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލަ ހުށަހަޅައިފިއެވެ.
ޕްރޮސެކިއުޓާރ ޖެނެރަލް އޮފީސް (ޕީޖީ) އިން ބުނީ 27 އޮކްޓޫބަރު 2025 ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުގެ ޓާރމިނަލް 1 ގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އެކްސްޗޭންޖް ކައުންޓަރަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ އަޅާފައިވާ ސޫޓް ކޭސްއެއް، ވަޅިން ބިރުދެއްކުމަށްފަހު ފޭރިގަނެފައިވާ މައްސަލާގައި ދަޢުވާތައް ކުރުމަށް 8 ފެބްރުވަރީ 2026 ދުވަހާއި 26 ފެބްރުވަރީ 2026 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން ކުރެވޭ ދައުވާތަކުގެ ތެރޭގައި ތ. ވިލުފުށި، އެހީވާގެ، އަޙްމަދު މާޙިދަށް ކުރެވޭ ދައުވާތަކަކީ ޤާނޫނު ދަށުން ފޭރުމުގެ ކުށުގެ ދަޢުވާއާއި، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު ގެ 33 ވަނަ މާއްދާގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގެ ކުށުގެ ދަޢުވާއާއި، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ ދަށުން، މަޤްބޫލު ސަބަބެއްނެތި ޢާންމު ތަނެއްގައި ތޫނުއެއްޗެއް ގެންގުޅުމުގެ ކުށުގެ ދަޢުވާއެވެ.
ސ. ހިތަދޫ، ވަށަގުލިމާގެ، ޢަލީ އަފްޒަލްގެ މައްޗަށް ކުރެވޭ ދައުވާ ތަކަކީ ފޭރުމުގެ ކުށުގެ ދަޢުވާއާއި، ތޫނުއެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ.
މީގެ އިތުރުން ގއ. ވިލިނގިލި، ބިނާ، ޢަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރުގެ މައްޗަށް ކުރެވޭ ދައުވާ އަކީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ. ދެން މި ކުށުގައި ހިމެނެނީ
ކ. ގުރައިދޫ، އަޅިވިލާގެ، ޙުސައިން ޝަހުދުއާއި،
ލ. މާވައް، ރޭޝަމް، މާޒިން މޫސާއާއި،
މ. ކޯރަސް، އަޙްމަދު ރައިހާން ނަޢީމްއާއި،
ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފްއާއި،
ރ. މަޑުއްވަރި، މީޒާން، އިސްމާޢީލް ސިރްހާންއެވެ. މިމީހުންނަށްވެސް ކުރަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ.
މި ދަޢުވާތައް ކޮށްފައިވާނީ 27 އޮކްޓޯބަރ 2025 ދުވަހުގެ 4:15 އެހައިކަށްހައިއިރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އެކްސްޗޭންޖް ކައުންޓަރަށް ގެންދިއުމަށްޓަކައި، -/4,900 (ހަތަރު ހާސް ނުވަސަތޭކަ) ޔޫރޯއާއި، -/1,735 (ސަތާރަ ސަތޭކަ ތިރީސް ފަސް) ޕައުންޑާއި، -/2,610 ސިންގަޕޯރ ޑޮލަރާއި، -/1,345 އޮސްޓްރޭލިއަން ޑޮލަރާއި، -/510 ސްވިސް ފްރޭންކާއި، -/1,515 ކެނޭޑިއަން ޑޮލަރާއި، -/334,000 ޖަޕަނީސް ޔެންއާއި، -/10,420 ހޮންގކޮންގް ޑޮލަރާއި، -/106,120 (އެއްލައްކަ ހަ ހާސް އެއްސަތޭކަ ވިހި) ޔޫއެސް ޑޮލަރާއި، -/23,778 (ތޭވީސް ހާސް ހަތް ސަތޭކަ ހަތްދިހަ އަށް) ދިވެހި ރުފިޔާއާއި، -/25,000 (ފަންސަވީސް ހާސް) އިންޑިއަން ރުޕީސްއާއި، -/600 ޗައިނީސް ޔުއާން އެވެ.
އަދި ސޫޓް ކޭސްއަކަށް މި ފައިސާ އަޅައިގެން ބޭންކް އޮފް މޯލްޑިވްސްގެ ދެ މުވައްޒަފަކު އެއަރޕޯޓް އައު ޓަރމިނަލްގެ ގޭޓް 1 ގެ ކުރިމަތީގައި ތިއްބައި، އެމީހުންނަށް ވަޅިން ބިރުދައްކައި، އެ މީހުންގެ އަތުގައި އޮތް ފައިސާ އަޅާފައިވާ ސޫޓްކޭސް ފޭރިގަނެފައިވާތީއާއި، އެ ކުށުގެ ޢަމަލު ފުރިހަމަކުރުމުގައި އެކި ގޮތްގޮތުން ބައިވެރިވެ އެހީތެރިވެފައިވާތީ ކަމަށް ޕީޖީން ބުނެއެވެ.
މި ޢަމަލުގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސްއަށް ލިބުނު ގެއްލުމުގެ ބަދަލު ދަޢުވާލިބޭ މީހުންއަތުން ނަގައިދިނުމަށް ކޯޓުގައި ވަނީ އެދިފަކަމަށްވެސް ޕީޖީން ބުނެފައިވެއެވެ.


