ޕާސްޕޯޓް ނިމިފައިވާނަމަ ވީހާވެސް އަވަހަށް ޕާސްޕޯޓް ބަލާ އައުމަށް އިމިގްރޭޝަނުން އިލްތިމާސްކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ޕާސްޕޯޓް ނިމިފައި ހުރިނަމަވެސް ގިނަ ފަރާތްތަކަކުން ޕާސްޕޯޓް ނަގަން ނާންނަ މައްސަލަ ފާހަގަކުރެވިފައިވާކަމަށެވެ. ޕްރިންޓްކޮށްފައިވާ ޕާސްޕޯޓްތައް އިމިގްރޭޝަނުގައި ބެހެއްޓޭނީ 6 މަސްދުވަހުގެ މުއްދަތައްކަން ފާހަގަކުރަމުން އިމިގްރޭޝަނުން ބުނެފައިވަނީ ކަނޑައެޅިފައިވާ މުއްދަތު ހަމަވުމަށްފަހު އޮންނަ އުސޫލުގެ މަތިން ޕާސްޕޯޓް ނައްތާލެވޭނޭކަމަށެވެ.
އެހެންކަމުން ޕާސްޕޯޓް ނިމި އެ އިދާރާއިން އެ ބަލާ އައުމަށް އެންގުމުން އެކަމަށް އިޖާބަދިނުމަށް ސަމާލުކަން ދިނުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ. ކުރިއަށް އޮތީ ސްކޫލް ބޮޑު ބަންދާއި، އަދި އުމްރާއަށް ގިނަ އަދަދެއްގެ މީހުން ދާ ދުވަސްވަރަކަށް ވުމުން މިދުވަސްވަރު ޕާސްޕޯޓް ހައްދާމީހުންގެ އަދަދު އިތުރުވާކަމަށް އިމިގްރޭޝަނުން ފާހަގަކުރެއެވެ.
އިމިގްރޭޝަނުން ވަނީ ޕާސްޕޯޓަށް އެދި ފޯމް ހުށަހަޅާއިރު ސަމާލުކަންދޭންވީ ބައެއް މުހިންމު ކަންކަންވެސް މީގެ ކުރިން އާންމުންގެ ސަމާލުކަމަށް ގެނެސްފައެވެ

