logo

ވެރިކަމަށް އާދެވިއްޖެނަމަ ރަސްމާލެ އެއްބަސްވުން ބާތިލުކުރާނަން: ފައިސަލް

ދިވެހި ޗެނަލް
ދިވެހި ޗެނަލް
2 ގަޑިއިރު ކުރިން

ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހިއްކި ރަސްމާލޭގެ ބިން އީގަލް ހިލްސް އަށް ދިނުމުގެ މަޝްރޫއު ކުރިއަށް ނުގެންގޮސް ހުއްޓާލުމަށް ގޮވާލައްވައި، މިހާރު އެ މަޝްރޫއު ހުއްޓާނުލައިފި ނަމަ، އެމްޑީޕީގެ ސަރުކާރެއްގައި އެ އެއްބަސްވުން ބާތިލް ކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައިސަލް ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއްގައި މި އެއްބަސްވުން ބާތިލް ކުރައްވާނެ ކަމަށާއި އެ މަޝްރޫއަކީ ދީނީ އެއްބައިވަންތަކަމާއި ގައުމުގެ ހަމަޖެހުމަށް އުނިކަން އަންނާނެ މަޝްރޫއެއް ކަމަށެވެ. އެހެންކަމުން ދީނީ އެއްބައިވަންތަކަމާއި ގައުމުގެ ހަމަޖެހުމަށް އަސަރު ކުރާ އެއްވެސް ކަމެއް ކުރުމަށް ޖާގަ ނުދެއްވާނެ ކަމަށާއި އެ ފަދަ ކަންކަމާ ދެކޮޅަށް ކުރެވޭ ހުރިހާ ކަމެއްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ އެމަޝްރޫއަކީ ރައްޔިތުންނަށް ލިބޭ ފައިދާ އަށް ވުރެ ބޮޑަށް ގެއްލުންވާ މަޝްރޫއެއް ކަމަށާއި ގެއްލުންވާ އެއްޗެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި މި ފަހުގެ ތާރީޚެއްގައި މިހާތަނަށް ދިވެހިން މިހާ ބޮޑަށް ކަމަކާ މެދު މި ނޫނިއްޔާ ކަންބޮޑުވުން ފާޅުކުރި ތަނެއް ނުފެންނަ ކަމަށާއި މިހާ ވަރަށް ރައްޔިތުން ދެކޮޅު ހަދަމުންދާތީ ވެސް ސަރުކާރުން މި މަޝްރޫއު ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ރަސްމާލޭގެ ބިމުން 500 ހެކްޓަރުގެ ބިން، ޔޫއޭއީގެ އީގަލް ހިލްސް އަށް ދިނުމާ ގުޅޭ ގޮތުން ރައްޔިތުންނަށް ފެންނަ ނުފެންނަ ގޮތެއް ބެލުމަށް ވޯޓެއް ނަގަން ވެސް ނުޖެހޭ ކަމަށާއި، އެއީ ވަގުތުން ހުއްޓާލަންޖެހޭ މަޝްރޫއެއް ކަމަށް ވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ.

ފައިސަލް ވިދާޅުވީ، ގައުމީ މަސްލަހަތު އެކުލެވޭ ބޮޑެތި ކަންކަމުގައި ރައްޔިތުންގެ ޚިޔާލު ހުރި ނެތް ގޮތް ބެލުމަށް ވޯޓު ނެގުމަކީ، ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާ ލާޒިމުކުރާ ކަމަކަށް ވިޔަސް، ރަސްމާލެ މައްސަލަ މުޅިން ތަފާތު ކަމަށެވެ. ސަބަބެއް ކަމަށް އެމަނިކުފާނު ވިދާޅުވީ، އީގަލް ހިލްސް އަށް ރަސްމާލެ ދިނުމަށް، މިހާތަނަށް ސޮއިކޮށްފައި ވާ ލެޓަރ އޮފް އިންޓެންޓް އަކީ، ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ކަނޑައަޅައިދީފައިވާ ރާއްޖޭގެ ބިމުގެ ސިޔާދަތީ މިލްކުވެރިކަމުގެ ހައްގާ ޚިލާފަށް އެކުލަވާލާފައި އޮތް އެއްބަސްވުމަކަށް ވާތީ، އެއީ އޭގެ ޒާތުގައި އުފެދުމުގައި ވެސް ބާތިލު އެއްބަސްވުމެއް ކަމަށެވެ.

ފައިސަލް ވިދާޅުވީ ރަސްމާލެ މަޝްރޫއަކީ ވިޔަފާރިއެއް ކަމަށް ވަންޏާ އެ ވިޔަފާރިން ފައިދާއެއް ވާން ޖެހޭ ކަމަށާއި، ނަމަވެސް ރަސްމާލެ މަޝްރޫއުން މުޅިން ވެސް ފެންނަން އޮތީ ގެއްލުން ކަމަށެވެ. ނަމަވެސް މި މަޝްރޫ ކުރިއަށް ގެންދަނީ ރައްޔިތުންގެ ހިތްތަކުގައި ވަރަށް ބޮޑެތި ސުވާލުތަކެއް އުފެދޭ ގޮތަށް ކަމަށާއި ރައްޔިތުންނަށާއި ގައުމަށް ފައިދާ ވާ ގޮތަށް މި ކަންތައް ނުކުރަނީ ކީއްވެގެންތޯ ރައްޔިތުން ސުވާލު ކުރާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ މިފަދަ ކަންކަން ކުރުމުން، ރާއްޖޭގައި ތަކުރާރުވަމުން އަންނަ އާދައަކީ، ކޮންމެ ސަރުކާރެއް ނިމިގެން އަނެއް ސަރުކާރެއް އަންނަ އިރު، ބަޔަކަށް މާލީ ބަދަލުތަކެއް ދިނުން ކަމަށާއި، އެ އަނދަވަޅަކަށް ގައުމު ވައްޓާލައިގެން ނުވާނެ ކަމަށެވެ.

ad