logo

ސަރުކާރުގެ ކާމިޔާބު ތިން އަހަރުން އައްޑޫއަށް މިންވަރުވީ އައުޓްޑޯ ޖިމެއް: މެންބަރު ޞާދިޤް

ދިޔާމާ އިބްރާހިމް
4 ގަޑިއިރު ކުރިން

ފާއިތުވީ 3 އަހަރަކީ ކާމިޔާބު ތިން އަހަރުގެ ގޮތުގައި ސަރުކާރުން ސިފަ ކުރެއްވި ނަމަވެސް އެ 3 އަހަރުގެ ތެރޭގައި 3 ބަޖެޓުން ވެސް އައްޑޫގެ މުހިއްމު މަޝްރޫޢޫތަކެއް ކުރިޔަށް ގެންގޮސްފައި ނުވާކަމަށް އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޞާދިޤް (ސޯބެ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި 2027 އަށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓްގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޞާދިޤް ވިދާޅުވީ، މި ކަންބޮޑުވުންތަކާ އެކު، އިތުރަށް ކަންބޮޑުވެވަޑައިގަތީ އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި މި މަޝްރޫޢުތަކަށް ބަޖެޓް ހިމަނާފައި ވެސް ނެތުމުން ކަމަށެވެ.

ޞާދިޤް ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރަށް އިއްޔެ 3 އަހަރު ފުރިފައިވާ އިރު، ސަރުކާރުގެ ފުރަތަމަ 100 ދުވަސް ތެރޭގައި ސަރވޭކޮށް ނިންމި އައްޑޫ ސިޓީގެ ބްރިޖުގެ މަސައްކަތް އޮތީ ހުއްޓިފައިކަމަށެވެ.

މި ސަރުކާރުން މި ބްރިޖްގެ ޑިޒައިނާއި ސަރވޭގެ މަސައްކަތް ފާއިތުވީ ދެ އަހަރު ތަފާތު ދެ ކުންފުންޏަކާ ހަވާލުކޮށް، އެއްބަސްވުން ތަކުގައި ސޮއިކޮށްފައިވެއެވެ. އަދި މިއަހަރުގެ އޮގަސްޓް މަހު އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވީ އައްޑޫ ބްރިޖްގެ މަސައްކަތް މިހާރު އޮތީ ޑީޓެއިލް ޑިޒައިން، އެންވަޔަރަންމަންޓަލް އިމްޕެކްޓް އަދި ފީސިބިލިޓީ ސްޓަޑީގެ މަރުހަލާގައިކަމަށެވެ.

އެހެންނަމަވެސް ޞާދިޤް ވިދާޅުވީ، އައްޑޫ ބްރިޖް އެޅުމަށް ދައުލަތުގެ މަލިއްޔަތު ތަން ނުދޭ ކަމަށް މިދިޔަ އޮގަސްޓް މަހު މިނިސްޓަރ ވިދާޅުވެފައިވާ ކަމަށެވެ.

މީގެ އިތުރުން ޞާދިޤް ވިދާޅުވީ، މިކަންކަން މިހެން ހުރުމުން 'ކާމީޔާބު' 3 އަހަރާއި، ޚާއްސަކޮށް މިއަހަރުގެ ދައުލަތުގެ ބަޖެޓުން ޚަރަދުކުރެވުނީ ކޮން ކަންތައްތަކެއް ކަން ބަލަންޖެހޭ ކަމަށެވެ.

2026 ވަނަ އަހަރުގެ ބަޖެޓުގައި މަގުތަކާއި، ބަނދަރުތަކާއި، އެއާޕޯޓްތަކުގެ އިތުރުން ބްރިޖްތައް ހިމެނޭހެން ދަތުރުފަތުރުގެ ދާއިރާގެ ތަރައްޤީއަށް ޖުމްލަ 2.3 ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓްގައި ވަނީ ކަނޑައަޅާފައެވެ. އަދި އޭގެ ތެރޭއިން ބްރިޖްގެ މަޝްރޫޢުތަކަށް 799 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އަދި މިއަހަރު އޮކްޓޯބަރު މަހު ފިނޭންސް މިނިސްޓްރީން ޢާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މި ބަޖެޓުގެ ތެރެއިން 1.9 ބިލިޔަން ރުފިޔާ މިހައިތަނަށް ވަނީ ޚަރަދުކުރެވިފައެވެ.

މިއަދު ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ޞާދިޤް ވަނީ، އައްޑޫ ސިޓީގެ ފެނާއި ނަރުދަމާގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން މެންބަރު ޞާދިޤް ވިދާޅުވީ ސަރުކާރުން ފެނާއި ނަރުދަމާގެ ޚިދުމަތް ދޭ ކުންފުނި ބަދަލުކުރި ނަމަވެސް ފެނާއި ކަރަންޓު ކެނޑޭ މައްސަލައަށް އަދިވެސް ހައްލެއް ލިބިފައިނުވާ ކަމަށެވެ.

ޞާދިޤް ވިދާޅުވި ގޮތުގައި މިއަހަރުގެ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 3.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވީ ނަމަވެސް އަހަރު ނިމޭއިރު 6.5 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އެވަރުން ވެސް ބައެއް ރަށްރަށުގެ ކަންކަން ނުވެގެން އުޅޭއިރު މި ފައިސާ ޚަރަދު ކުރި ގޮތުގެ ތަފްސީލް ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރަށް ފާސްކޮށްފައި އޮތް ބަޖެޓަކީ ބޯހިޔާވަހިކަމުގެ ބަޖެޓްގެ ގޮތުގައިސާރުކާރުން ފާހަގކޮށްފައިކަމަށް ވިދާޅުވެ ޞާދިޤް ވަނީ، ހިތަދޫގައި 200 ފްލެޓުގެ 10 ބުރީގެ އިމާރާތްތަކެއް އަޅަން ބަޖެޓުގައި ކަނޑައަޅާފައި އޮތް ނަމަވެސް އެ ބިމުގެ ވަށައިގެން ހުރި ޓިނު ފެންސަށްވުރެ މައްޗަށް އެއިން އިމާރާތެއް އަދި ހިއްލައިނުލާކަން ފާހަގަކުރައްވައިފައެވެ. އަދި ކަންބޮޑުވަނީ މިއަހަރުގެ ބަޖެޓުގައި އެ ފްލެޓްގެ ވާހަކަވެސް ފެންނަން ނެތުމުންކަމަށް ޞާދިޤް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ޞާދިޤް ވަނީ އައްޑޫގައި ފެށިފައިވާ އެހެންނަމަވެސް ނުނިމި ހުރި ގިނަ މަސައްކަތްތަކެއް ހުރިކަން ފާހަގަކުރައްވައިފައެވެ.

ޞާދިޤް ފާހަގަކުރެއްވި ގޮތުގައި އައްޑޫގެ ވީރާނާވެފައިވާ ލިންކު ރޯޑު ހެދުމުގެ މަޝްރޫއު، އޭޕްރީލް 2025ގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކުރީ 1،440 ދުވަހުން ނިންމުމަށެވެ. އެހެން ނަމަވެސް އެ މަސައްކަތް ވަޅުޖެހިފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުންވެސް އެއަރޕޯޓުގެ ވެސް މައިގަނޑު ހުރިހާ މަސައްކަތެއް ނިމިފައިކަން ފާހަގަ ކުރައްވައި ޞާދިޤް ވިދާޅުވީ، އެތަނަށް ބޭނުންވާ މެޝިނަރީތަކާއި އައު ޓާމިނަލާއި ބައު ޓާމިނަލް ގުޅުވައިލުމުގެ އެއްވެސް ކަމެއް 2027ގެ ބަޖެޓުގައި ވެސް ހިމެނިފައި ނެތް ކަމަށެވެ.

މިކަންކަން މިހެން ހުރުމުން ބަޖެޓާ ގުޅިގެން ސޯދިޤް ވަނީ 5 ސުވާލެއް ފިނޭންސް މިނިސްޓަރަށް އަމާޒުކުރައްވާފައެވެ. އެގޮތުން ގަން އިންޓަނޭޝަނަލް އެއާޕޯޓް ނިންމުމަށް ހިމެނިފައިވާ ބަޖެޓުގެ އަދާދާއި، ލިންކް ރޯޑު ފުޅާކުރުމާއި މަގުހެދުމަށް ޒޯނަށް ކަނޑައެޅިކަމަށް ބުނާ ބަޖެޓުގެ ތަފްސީލާ ބެހޭ ގޮތުން ވަނީ ސުވާލުކުރައްވާފައެވެ.

އަދި މި ސުވާލުތަކުގެ ޖަވާބު ލިޔުމުން ލިބިއްޖެނަމަ ދެ ވަނަ ވިސްނުމަކަށް ގޮސް، މި ބަޖެޓަށް ތާއީދުކޮށް ވޯޓުދެއްވަން ވިސްނަވާނެ ކަމަށް ޞާދިޤް ވިދާޅުވިއެވެ.

މި ޖަލްސާގައި އައްޑޫގެ ވަރަށް ގިނަ މަޝްރޫޢުތަކެއް ކުރިޔަށް ނުދާކަން ޞާދިޤްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން 3 އަހަރުގެ ބޮޑު ކާމިޔާބީއެއް ފާހަގަކުރި އިރު، އައްޑޫގައި މި ތިން އަހަރުން ނިންމުނީ އައުޓްޑޯ ޖިމެއް އެކަނި ކަމަށް ޞާދިޤް ވިދާޅުވިއެވެ.

ad