މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026ގެ މޯލްޑިވްސް ޒަކާތު ހައުސް ސްޓޯލަށް ޒިޔާރަތްކުރައްވައިގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ އެކްސްޕޯގައިވާ ޒަކާތު ހައުސްގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި، ޒަކާތާ ބެހޭ މައުލޫމާތު ހުރި މިންވަރު ބަލާލުމަށާއި، އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ދިނުމުގެ ގޮތުން "ޒަކާތު ކުއިޒް"ގެ ނަމުގައިވަނީ ހަރަކާތެއް ފަށާފައެވެ.
ކޮންމެ ދުވަހަކުވެސް މި ކުއިޒްގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 1,000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ. މީގެ އިތުރުން، އެކްސްޕޯގެ ތިން ދުވަހު ކުއިޒްގައި ބައިވެރިވާ ހުރިހާ ފަރާތްތަކުގެ މެދުގައި ނެގޭ "ގްރޭންޑް ލަކީ ޑްރޯ"އިން ހޮވޭ ނަސީބުވެރިއަކަށް އުމްރާ ދަތުރެއް ލިބިގެންދާނެއެވެ.
މި ކުއިޒްގެ ސުވާލުތައް ބިނާކޮށްފައިވަނީ ޒަކާތުގެ އަސާސްތަކާއި، އުސޫލުތަކާއި، ޒަކާތާ ގުޅޭ އަމަލީ ކަންކަމުގެ އިތުރުން މޯލްޑިވްސް ޒަކާތު ހައުސްއިން ފޯރުކޮށްދޭ ހިދުމަތްތަކާއި ކުރިއަށްގެންދާ މަޝްރޫއުތަކުގެ މައްޗަށެވެ.
ކުއިޒްގެ އިތުރުން، ޒަކާތާ ގުޅޭގޮތުން ދީނީ އިލްމުވެރިންނާ ސުވާލުކޮށް މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ޒަކާތު ހައުސްގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބޭނެއެވެ. އަދި ޒަކާތު ހައުސްގެ ޚިދުމަތްތަކުގެ މައުލޫމާތާއި، މިހާރު ހުޅުވާލެވިފައިވާ "ޒަކާތު ސްކޮލަރޝިޕް"އާ ގުޅޭ މައުލޫމާތު ހޯދުމުގެ އިތުރުން، ޒަކާތާ ގުޅޭ ފޮތްތަކާއި ލީފްލެޓްތައް ހިލޭ ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ)އިން އިންތިޒާމުކުރާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 އާންމުންނަށް ހުޅުވާލެވިފައި ހުންނާނީ ޖުލައި 2 އިން 4 އަށް، ކޮންމެ ދުވަހަކު ހަވީރު 3:00އިން ރޭގަނޑު 10:00އަށެވެ.

.jpg&w=256&q=75)
