ބައިނަލްއަގުވާމީ ބޮޑު އެންޓި ސްކޭމް އޮޕަރޭޝަން "އޮޕަރޭޝަން ކޮންފްރަންޓޭޝަން ގޯސްޓް" ގައި ދިވެހި ފުލުހުން ބައިވރިވެ 3.1 މިލިއަން ރުފިޔާ އަނބުރާ ހޯދައިދީފިއެވެ.
އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ މިނިސްޓްރީ އޮފް އިންޓީރިއާއިން އިސްނަގައިގެން ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގައި ފުލުހުން ވަނީ ރާއްޖޭގައި ހިންގި ސްކޭމްތާއި ގުޅިގެން 17 މީހަކު ހައްޔަރުކޮށް، 1،088 ބޭންކް އެކައުންޓް ފްރީޒްކޮށްފިއެވެ.
މި އަހަރުގެ ޖުލައި 1 އިން ސެޕްޓެމްބަރު 30 ގެ ނިޔަލަށް ކުރިއަށްދިޔަ މި އޮޕަރޭޝަނުގެ ތިން މަސްދުވަހުގެ ތެރޭގައި، އެންޓި-ސްކޭމް ސެންޓަރަށް ސްކޭމްގެ ޖުމްލަ 544 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މި މައްސަލަތަކުގައި ރައްޔިތުންނަށް ޖުމްލަ 5،256،101.97 ރުފިޔާގެ ގެ މާލީ ގެއްލުން ލިބިފައިވާ ކަމަށް ރެކޯޑްކުރެވިފައިވެއެވެ. ނަމަވެސް، ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން އެޅި ހަލުވި ފިޔަވަޅުތަކާއި ކަމާގުޅުންހުރި މާލީ އިދާރާތަކާއެކު ގުޅިގެން ކުރެވުނު މަސައްކަތުން، އޭގެ ތެރެއިން 3،104،075.38 ރުފިޔާ ވަނީ އަނބުރާ ހޯދައިދެވިފައެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ ޑިޖިޓަލް ވަސީލަތްތަކާއި އިންޓަނެޓް މެދުވެރިކޮށް ހިންގާ މާލީ ކުށްތައް ހުއްޓުވުމަށް ދުނިޔޭގެ 30 ގައުމަކާއި ބައިނަލްއަގުވާމީ އިދާރާތައް ގުޅިގެންނެވެ.
މި މުއްދަތުގައި ދިވެހި ފުލުހުންގެ ހިދުމަތުން ކުރި މަސައްކަތުން، ސްކޭމްގެ މުއާމަލާތްތަކާ ގުޅުންހުރި ކަމަށް ބެލެވޭ 847 ފަރާތެއް ތުހުމަތުކުރެވޭ މީހުންގެ ގޮތުގައި ވަނީ ދެނެގަނެވިފައެވެ. އަދި ތަހުގީގުތަކާ ގުޅިގެން 17 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން، ކުށްކޮށްގެން ހޯދާ ފައިސާ އިތުރަށް ދައުރުވިޔަ ނުދިނުމަށާއި ގެއްލުނު ފައިސާ ރައްކާތެރިކުރުމަށްޓަކައި، ބޭންކުތަކާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އަޅައި، ތުހުމަތުކުރެވޭ 1،088 ބޭންކު އެކައުންޓެއް ވަގުތީ ގޮތުން ހިފަހައްޓާފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މިއީ ސްކޭމްތަކުގެ ޝިކާރައަކަށްވީ ފަރާތްތަކުގެ މާލީ ގެއްލުން ކުޑަކުރުމަށާއި، ކުށްކުރާ ނެޓްވޯކްތަކުގެ މާލީ ހަރަކާތްތައް ހުއްޓުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުން ފާހަގަކުރެއްވިއެވެ.

