logo

އިންވެސްޓަރުންނަށް ބިރުދެއްކުމާއި ދޮގު މައުލޫމާތު ފެތުރުން ހުއްޓާލާ: ސައީދު

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
11 ގަޑިއިރު ކުރިން

ދިވެހިރާއްޖޭގައި އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތްތަކާއި، ދޮގު މައުލޫމާތު ފެތުރުމާއި ބިރުދެއްކުން ވަގުތުން ހުއްޓާލުމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރު މުޙައްމަދު ސަޢީދު ގޮވާލައްވައިފިއެވެ.

މިނިސްޓަރު ސަޢީދު އެކްސްގައި ވިދާޅުވީ، ސިޔާސީ ގޮތުން އުފެދޭ ޚިޔާލުތަފާތުވުންތަކަކީ އިންވެސްޓަރުންނާ ދެކޮޅު ކެމްޕޭނަކަށް ދުވަހަކުވެސް ވެގެން ނުވާނެ ކަމަށެވެ. އަދި ރައްޔިތުންގެ ލާބައަށާއި އިންވެސްޓްމަންޓްތަކުގެ ސަބަބުން ފަހިވާ ފުރުސަތުތަކަށްޓަކައި، ރާއްޖޭގައި އިންވެސްޓްކުރަން އަންނަ ފަރާތްތަކާ ދެކޮޅަށް އިދިކޮޅު ހަރަކާތްތަކުން ހިންގާ މިފަދަ ކަންކަން ހުއްޓާލަންޖެހޭ ކަމަށް ވިދާޅުވިއެވެ.

"ގަބޫލުކުރަންދަތިވިޔަސް، ދިވެހިރާއްޖޭގެ އިގްތިސާދުގެ މައިތަނބަކި ޓޫރިޒަމް. ޓްރެވަލް އަދި ޓޫރިޒަމް އިންޑަސްޓްރީގެ ޓްރެންޑަކީ ބަދަލުވަމުން “އިވޯލްވް” ވަމުންދާއެއްޗެއް. އެއީ ޓޫރިޒަމްގެ ހަގީގަތް. ނަފުރަތާއި ދޮގާއި ހަސަދައަކުން މި އިންޑަސްޓްރީ ބިނައެއް ނުކުރެވޭނެ." ސައީދު ވިދާޅުވިއެވެ.

މީގެއިތުރުން، ދުނިޔޭގެ ވިޔަފާރީގެ ވާދަވެރިކަމުގެ ތެރޭގައި މިފަދަ ކަންކަމުގެ ނާޖާއިޒު ފައިދާ ނަގަން ބޭނުންވާ އެހެން ފަރާތްތަކަށް މިފަދަ ދޮގު ވާހަކަތަކަކީ ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް އަންނަ އިންވެސްޓަރުންނަށް އަމާޒުކޮށް ދޮގު ވާހަކަ ފެތުރުމާއި ބިރުދެއްކުން ހުއްޓާލުމަކީ ގައުމުގެ ކުރިމަގަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.

ދިވެހިރާއްޖޭގެ އިގްތިސާދުގެ މައި ތަނބަކީ ޓޫރިޒަމްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ޓްރެވަލް އަދި ޓޫރިޒަމް އިންޑަސްޓްރީއަކީ އަބަދުވެސް ބަދަލުވަމުން އަދި ކުރިއަރަމުން (އިވޯލްވްވަމުން) އަންނަ ދާއިރާއެއް ކަމަށެވެ. އަދި ނަފުރަތާއި ދޮގާއި ހަސަދައިގެ މައްޗަށް މި ސިނާއަތް ބިނާނުކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރު ސަޢީދު އިތުރަށް ވިދާޅުވީ، ރާއްޖޭގައި އަބަދުވެސް ހިނގާނީ ރާއްޖޭގެ ގާނޫނު ކަމަށާއި، ގާނޫނުއަސާސީއާ ޚިލާފު އެއްވެސް ކަމެއް ރާއްޖޭގައި ނުހިނގާނެ ކަމަށެވެ. އެހެންކަމުން، ކަންކަމުގެ ހަގީގަތް ބެލުމުގެ ބަދަލުގައި ދޮގު ޚަބަރާއި ނަފުރަތު ފެތުރުން ހުއްޓާލުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

ad