ނޭޕާލަށް ކުރިމަތިވެފައިވާ ގެއްލުން ބޮޑު ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން އެ ގައުމަށް އެހިވާން ދިވެހި ރެޑް ކްރެސެޓުން ފަންޑެއް ހުޅުވައިފި އެވެ.
"އެމްއާރްސީ ނޭޕާލް ސޮލިޑަރިޓީ ފަންޑު" ގެ ނަމުގައި ހުޅުވި މި ފަންޑް މެދުވެރިކޮށް މާލީ އެހީތެރިކަން ފޯރުކޮށް ދެވޭނެ އެވެ. ފަންޑް ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ މަހުގެ 3 އާ ހަމައަށެވެ.
މިދިޔަ ހަފުތާގެ ބުދަ ދުވަހު ނޭޕާލާއި ޓިބެޓް ގުޅޭ ސަރަހައްދަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި މިހާތަނަށް 730 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު، 3،000 އެއްހާ މީހުން ވަނީ ގެއްލިފަ އެވެ.
އޭގެ ތެރޭގައި އެކި ގައުމުތަކަށް ނިއްބަތްވާ ގިނަ އަދަދެއްގެ ޓޫރިސްޓުން ވެސް ހިމެނެ އެވެ.
މިހާތަނަށް ރެސްކިއު ޓީމުތަކުން 675 މީހުންގެ ހަށިގަނޑު ހޯދާފައިވާއިރު، 2،426 އަށް ވުރެ ގިނަ މީހުން އަދިވެސް ވީނުވީއެއް ނޭނގި ވަނީ ގެއްލިފައެވެ.
ކޯރުތަކުގެ ތިރީ ސަރަޙައްދުތަކުން އެތައް ސަތޭކަ ހަށިގަނޑެއް ފެނިފައިވާއިރު، ގިނަ ވަގުތު ފެނުގައި އޮތުމުގެ ސަބަބުން ހަށިގަނޑުތައް އަވަހަށް ހަލާކުވެ ކުނިވުމުގެ ބިރު ވަރަށް ބޮޑުވެފައިވާ ކަމަށް ނޭޕާލުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
ނޭޕާލަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން ލިބުނު ގެއްލުންތައް އަލުން އާރާސްތުކުރުމަށް އެތައް ބިލިއަން ޑޮލަރެއް ޚަރަދުވެދާނެ ކަމަށް އެ ޤައުމުގެ ފޮރިން މިނިސްޓަރު ޝިޝިރު ޚަނާލް ހާމަކުރައްވާފައެވެ.
ބޮޑު ކާރިސާއާ ގުޅިގެން ބައިނަލްއަގްވާމީ އެހީ ވެސް ނޭޕާލާއި ޓިބެޓަށް އަންނަނީ ލިބެމުންނެވެ.

.jpg&w=256&q=75)
