logo

ފިހާރަތަކުގައި ވިއްކަން ހުންނަ މުދަލުގައި މުދާ ގަންނަ ފަރާތްތަކަށް ފެންނަގޮތަށް އަގު ޖަހާފައި ނުހުންނަ ނަމަ ފިޔަވަޅު އަޅަނީ

މަރްޔަމް
10 ގަޑިއިރު ކުރިން

ވިޔަފާރި ކުރާ ތަންތަނުގައި ބަހައްޓަފައި ހުންނަ މުދަލުގައި މުދާ ގަންނަ ފަރާތައް އެނގޭ ގޮތައް ސާފުކޮއް އަގު ޖަހާފައި ނުހުންނަ ކަމުގެ ޝަކުވާ ލިބެމުން ދާ ކަމަށާއި އެފަދަ ފަރާތް ތަކާއި މެދު ފިޔަވަޅު އަޅަމުން ދާނެ ކަމަށް އިގްތިސާދީ ތަރައްޤީ އާއި ދަތުރުފަތުރާއި ވިޔަފާރި އާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

މުދާ ގަންނަ ފަރާތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ޤާނޫނު ގެ 16 ވަނަ މާއްދާގެ (ހ)ގައި ބަޔާން ކުރާ ގޮތުގެ މަތިން ، ވިއްކާ މުދަލުގެ އަގަކީ ކޮބާކަން ފެންނަން ހުންނަން ޖެހޭނެ ކަމަށާއި އެ އަގުތައް ޖަހާފައި ބަހައްޓަން ޖެހޭނެ މިންގަނޑުތައް ވެސް ވުޒާރާއިން ވަނީ ހާމަ ކުރައްވާފައެވެ.

މިގޮތުން އަގު ޖަހާފައިވާ ކަމަށް ބެލެވޭ މިންގަނޑުތައް ހިއްސާކުރައްވަމުން ވުޒާރާއިން ބުނެފައިވަނީ މުދަލެއްގެ އަގު ސީދާ މުދަލުގައި ލިޔެ ފައި ނުވަތަ ޕްރިންޓް ކޮއްފައި ބެހެއްޓުން ، ނުވަތަ މުދާ ބަހައްޓާފައި ހުންނަ ތަނެއްގައި ސާފުކޮށް ކިޔަން އިނގޭނެ ގޮތަކަށް އަގު ލިޔެފައި ނުވަތަ ހަރުކޮއްފައި ބެހެއްޓުން ހިމެނެއެވެ.

މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތް ތައް ހިމާޔަތް ކުރުމުގެ ޤާނޫނުގެ މިންގަނޑުތަކާއި އެއްގޮތައް އަމަލު ކުރޭތޯ ބެލުމަށް ޓަކައި އެ ޤާނޫނުގެ 66ވަނަ މާއްދާގެ ދަށުން އިންސްޕެކްޓް ކޮށް މޮނިޓަރ ކޮށް ޤާނޫނާއި ޚިލާފަށް އަގު ނުޖަހާ ވިޔަފާރި ކުރާ ފަރާތް ތަކާއި މެދު އެ ޤާނޫނުގެ 84ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް އިގްތިސާދީ ވުޒާރާއިން ބުނެއެވެ.

ad