ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒް (މޯލްޑިވްސް އެކްސްޕޯ)އަށް މިހާތަނަށް 2 ލައްކައަށް ވުރެ ގިނަ މީހުން ޒިޔާރާތްކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަށާއި މޯލްޑިވްސް އެކްސްޕޯ އަށް މިހާ ހިސާބަށް ޖުމްލަ 205،000 މީހުން ޒިޔާރަތްކޮށްފައިވާ ކަމަށާއި އެއީ އެވްރެޖުކޮށް ދުވާލަކު 41،000 މީހުން ކަމަށެވެ.
އެގޮތުން 10 އަހަރުގެ މެދުކެނޑުމަކަށްފަހު މިދިޔަ އަހަރު މި މަޢުރަޒާއި އެކްސްޕޯ ވިލުންތެރި ވިސްނުންތަކާއެކު ވަރަށް ފުޅާ ދާއިރާއެއްގައި އަލުން ފަށާފައިވާކަން ފާހަގަކުރައްވަމުން، މިނިސްޓަރު ވިދާޅުވީ އަހަރުން އަހަރަށް މި މައުރަޒު އިންތިޒާމުކުރާ ގޮތް ގެންދަނީ ތަރައްޤީކުރަމުން ކަމަށެވެ.
މި އެކްސްޕޯގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ކްރިއޭޓިވް އިކޮނޮމީގެ ދާއިރާއަށް އިތުރު ކުރިއެރުން ގެނައުން ކަމަށާއި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ އަމާޒާ އެއްގޮތަށް 2030 ގެ ކުރިން ރާއްޖޭގެ އުފެއްދުންތެރިކަމުގެ %15 އަކީ ކްރިއޭޓިވް އިކޮނޮމީގެ ހިއްސާ ކަމުގައި ހެދުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި އަހަރުގެ މައުރަޒުގައި ޖުމްލަ 419 ފަރާތަކުން 4,400 އުފެއްދުން ބައިވެރިކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު އުފެއްދުންތަކުގެ އަދަދަށް ބަލާއިރު 83.5 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މިދިޔަ އަހަރު 240 ފަރާތަކުން ގާތްގަނޑަކަށް 2,467 އުފެއްދުން ބައިވެރިކުރިއިރު، މިއަހަރު ބައިވެރިވި ފަރާތްތަކުގެ ތެރޭގައި އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އަމިއްލަ ފަރުދުންނެވެ. އެގޮތުން 321 އަމިއްލަ ފަރުދުންނާއި، 75 ވިޔަފާރިއަކާއި، ނުކުޅެދުންތެރިކަން ހުންނަ 16 ފަރާތެއްގެ އިތުރުން ތައުލީމީ ދާއިރާއާއި ޖަމިއްޔާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް ވަނީ ބައިވެރިވެފައެވެ. މި މައުރަޒުގައި ދައްކާލާ އުފެއްދުންތަކުގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ ތިންބައި ހިއްސާކުރަނީ އަމިއްލަ ފަރުދުންގެ އުފެއްދުންތަކެވެ.

