ވ. ފެލިދޫގެ 5 ނޯޓިކަލް މޭލު ބޭރުން މުދާ އުފުލާ ބޯޓެއް ދިޔަވެގެން އަޑިއަށްދާ އުޅަނދެއްގެ ބައެއް ތަކެތި އޮޔާދާތީ، ދަތުރުވެރިން ސަމާލުވާން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެދިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ، ދިޔަވެގެން އަޑިއަށްދާކަމުގެ މައުލޫމާތު ލިބިފައިވަނީ "ޖަޒީރާ Q-10" ނަމަކަށްކިޔާ މުދާ އުފުލާ ބޯޓެއްކަމަށެވެ.
ބޯޓު އަޑިއަށްދާކަމުގެ މައުލޫމާތުލިބުމާއެކު އެމްއެންޑިއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އުޅަނދެއް އެ ސަރަހައްދަށް ދަތުރުކުރަމުންދާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފް އިން ވަނީ، ވ. ފެލިދޫގެ 5 ނޯޓިކަލް މޭލު ހުޅަނގުން އަޑިއަށްދާ އުޅަނދެއްގެ ބައެއް ތަކެތި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވާން އިލްތިމާސްކޮށްފައެވެ.
އެގޮތުން، އެ ތަކެތި އޮޔާދާކަމަށް ލަފާކުރެވެނީ ފެލިދޫގެ 5 ނޯޓިކަލް މޭލު ބޭރުން އިރުމައްޗަށްކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ މަޢުލޫމާތު ދީފައެވެ.
އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށާއި އެ ސަރަހައްދުން ރޭގަނޑު ދަތުރުކުރާނަމަ، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް އެމްއެންޑީއެފް އިން ވަނީ އެދިފައެވެ.
