މަލޭ ސަރަހައްދުގައި މުދާ އުފުލާ ލޮރީ ދުއްވާ ޑްރައިވަރުންނާ އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު ބައްދަލުކުރައްވައި، މާލޭ ސަރަހައްދުގެ މަގުތަކުގެ އަމާންކަން ކަށަވަރު ކުރުމާއި ރައްކާތެރިކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.
"އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މާލެ ސަރަޙައްދުގެ ބަނދަރުތަކުން މުދާ އުފުލާ ލޮރީ ޑްރައިވަރުންނާއި ބައްދަލުކޮށް މާލޭގެ އެއްގަމު ދަތުރުކުރުމުގެ ކަންކަން ހަރުދަނާކުރުމާއި ބެހޭގޮތުން އެފަރާތްތަކުގެ އެދުމުގެ މަތީން ބައްދަލުވެ މަޝްވަރާތަކެއް މިއަދު ކުރިއަށް ގެންދެވިފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި މާލޭގެ މަގުތައް ބޭނުންކުރާ ފަރާތްތަކާއި، ސުކޫލް ދަރިވަރުންނާއި އަދި ބެލެނިވެރިންނަށް އަމާން ތަނަކަން ހެދުމުގެ މުހިންމުކަމާއި، އެއްގަމު ދަތުރުފަތުރުގައި ޑްރައިވަރުންނަށް ދަތިވާ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ޑްރައިވަރުންގެ ފަރާތުން ދިން އެއްބާރުލުމަށް ފާހަގަކޮށް ހުރިހާ ފަރާތަކަށް މިނސްޓަރ ސަޢީދު ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.
މަގުތަކުގެ އަމާންކަން ކަށަވަރު ކުރުމަށް އެއްގަމު ދަތުރުފަތުރާ ބެހޭ އައު ގާނޫނެއް މިހާރު ވުޖޫދުކޮށްފައިވާއިރު، އެ ގާނޫނުގެ ދަށުން އެ ގާނޫނަށް އަމަލު ނުކުރާ ފަރާތްތަކާއި މެދު ފިޔަވަޅުތައް އެޅިގެންދާނެއެވެ. އަދި މާލޭ ސަރަހައްދުގެ މަގުތަކުގެ އަމާންކަން ކަށަވަރުކޮށް އެއްގަމު ދަތުރުފަތުރުގެ ކަންކަން ހަރުދަނާ ކުރުމަށް ހާއްސަ ކޮމިޓީއެއް އުފެއްދުމަށް ވެސް ވަނީ ނިންމާފައެވެ.

