ޓޫރިޒަމް އިންޑަސްޓްރީއަކީ ބަދަލުތައް ނުގެންނަ ނަމަ އޭގެ ޒާތުގައި ފެއިލްވާ އިންޑަސްޓްރީއެއް ކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ އިންޑަސްޓްރީއަށް އަންނަމުންދާ ބަދަލުތަކަށް ތަބާނުވާ ގައުމުތައް އެކަމުގައި ފެއިލްވާނެ ކަމަށް ވިދާޅުވެ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު "ސަސްޓެއިނަބުލް ޓައުންޝިޕް" މޮޑެލް ދިފާއުކުރައްވައިފި އެވެ.
ސައީދުގެ އިތުބާރުނެތްކަމަށް ފާސްކޮށް މަގާމުން ވަކިކުރަން އިދިކޮޅު އެމްޑީޕީގެ 12 މެންބަރުން ސޮއިކުރައްވައި މަޖިލީހަށް ހުށަހެޅުއްވި މައްސަލައަށް ޖަވާބުދާރީވެވަަޑައިގަންނަވަމުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސައީދު ވިދާޅުވީ 5-10 އަހަރާ ދެމެދުގެ މުއްދަތެއްގައި ޓޫރިޒަމަށް ބަދަލުތައް ގެންނަން ޖެހޭނެ ކަމަށް އެކަމުގެ ފަންނުވެރިން ވިދާޅުވާ ކަމަށެވެ. އެ ގޮތަށް ގަބޫލުކުރާ ތިއަރީތަކަކީ 1970ގެ ކުރީކޮޅުން ފެށިގެން އޮތް ތިއަރީތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއަދުގެ ޒަމާން، ކޮމްޕެޓިޓިވްނަސް ގައި [ވާދަވެރިކަމުގައި] ސްޕީޑް އަވަސްވެގެން ދިޔައީ ވިސްނާ ބަޔަކު ބޯހަލާކުވާ ވަރަށް. މިޑްލްއީސްޓަށް ބައްލަަވާ، ސައުދީއަރަބިއްޔާ، ގަތަރު ޔޫއޭއީ، މި ގައުމުތައް ބައްލަވާ. ކުރިއަރައިގެންދާ ބާރުމިން. ދުނިޔޭގެ ހޮސްޕިޓާލިޓީ ނެޓްގެ ތެރެއަށް އެ މީހުން ވަންނަ ވަނުން، ޓޫރިޒަމް ބަދަލުވެގެންދާ ގޮތް. ޓޫރިޒަމް އެ ޓްރެންޑާ އެއްކޮށް އިވޮލްވްނުވާ ގައުމުތައް ސިނާއަތުން ފެއިލްވެގެން ދަނީ،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ކުރިއަރައިގެން ގޮސް ޓޫރިޒަމާއި ފައިންޑައިނިންގައި ދުނިޔޭގެ އެންމެ މަޝްހޫރު ހުރިހާ ބްރޭންޑްތަކެއް ރާއްޖޭގައި އެބަހުރި ކަމަށާއި އެހެންވީމާ ރާއްޖެ ޓްރެންޑުން ގެއްލުނަ ނުދީ އިންޑަސްޓްރީ ޑައިވާސިފައިކުރާ ވާހަކަ ހުރިހާ ސަރުކާރުތަކަކުން ދައްކާ ކަމަށެެވެ.
"އެގޮތުން ކުރިއަށް ގެންދެވުނު، އެސްއީޒެޑް ގާނޫނަށް [ބަދަލު] ގެނެސްގެން ކުރިއަށް ގެންދެވުުނު މަޝްރޫއެއް ސަސްޓެއިނަބުލް ޓައުންޝިޕަކީ ނ. އަތޮޅުގައި،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު މިމޭރުމުން ވާހަކަދެއްކެވީ ޓައުންޝިޕް އުފައްދަން އެސްއީޒެޑް ގާނޫނަށް ގެނައި ބަދަލުން ރާއްޖެއަށް ބޮޑެތި ގެއްލުންތައް ވާނެ ކަމަށް، އޭނާގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި ތުހުމަތުކޮށްފައި ވާތީ އެކަމަށް ޖަވާބުދެއްވުމުގެ ގޮތުންނެވެ.
ގާނޫނުއަސާސީއާ ހިލާފު އެއްވެސް ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެސްއީޒެޑް ގާނޫނަށް ގެނައި ބަދަލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ކޮށްފައިވާ ތުހުމަތު ދޫކޮށްލައްވާނީ މަޖިލީހުގެ ބަހުސަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

