logo

ދައުލަތަށް ނުލިބި ހުރި ފައިސާ 14.5 ބިލިއަން ރުފިޔާ އަށް

އާމިނަތު މޫސާ
12 ގަޑިއިރު ކުރިން

ދައުލަތަށް ދައްކަންޖެހޭ ޓެކްސް އާއި ކުއްޔާއި ފީތަކުގެ ގޮތުގައި ނުލިބި ހުރި ފައިސާގެ އަދަދު 14.5 ބިލިއަން ރުފިޔާ އަށް އަރައިފިއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއީ މިދިޔަ އަހަރުގެ ނިޔަލަށް މި އަދަދު ހުރި މިންވަރު ކަމުގައިވާ 13.8 ބިލިއަން ރުފިޔާއާ އަޅައި ބަލާއިރު ފަސް ޕަސެންޓުގެ އިތުރުވުމެކެވެ.

ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ޓެކްސްގެ ގޮތުގައި ނުލިބި ހުރި ފައިސާއެވެ. މި އަދަދު 7.8 ބިލިއަން ރުފިޔާގައި ހުރުމަށްފަހު، މިހާރު ވަނީ 8.2 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ވަކިވަކި ޓެކުސްތަކަށް ބަލާއިރު، ޖީއެސްޓީ (ޖީޖީއެސްޓީ) ގެ ގޮތުގައި 3.5 ބިލިއަން ރުފިޔާ އަދި ޓޫރިޒަމް ދާއިރާގެ ޓެކުހުގެ (ޓީޖީއެސްޓީ) ގޮތުގައި 1.6 ބިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ. މީގެ އިތުރުން އިންކަމް ޓެކުހުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ދައުލަތަށް ލިބެންޖެހޭ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ އަދަދުތައްވެސް މި މުއްދަތުގެ ތެރޭގައި ވަނީ އިތުރުވެފައެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އެ އަދަދު ވަނީ 5.7 ބިލިއަން ރުފިޔާއިން ހަ ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނުލިބި ހުރި ފައިސާގެ ޖުމުލަ އަދަދު 3.5 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، އޭގެ ތެރެއިން 3.3 ބިލިއަން ރުފިޔާއަކީ ސީދާ ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ފައިސާއެވެ.

ދައުލަތަށް ނުލިބި ހުރި ފައިސާގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް، އެ ފައިސާ ހޯދުމަށް މީރާ އިން ކުރަމުންދާ މަސައްކަތުގެ ދަށުން މި އަހަރުގެ ފުރަތަމަ ކުއާޓާގައި ދެ ބިލިއަން ރުފިޔާ ވަނީ އަނބުރާ ހޯދައިފައެވެ. މި ފައިސާ ހޯދުމަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ނޯޓިސް ފޮނުވުމާއި، ބޭންކު އެކައުންޓުތައް ފްރީޒް ކުރުން ފަދަ ގާނޫނީ ފިޔަވަޅުތައް މީރާއިން އަންނަނީ އަޅަމުންނެވެ.

ad