logo

އަމާން ޓަވަރުތަކުން މިހާތަނަށް 5 ހާހަށްވުރެ ގިނަ ޓަނުގެ ކުނި އުކާލައިފި

އާމިނަތު މޫސާ
8 ގަޑިއިރު ކުރިން

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ އަމާން ޓަވަރުތަކުން މިހާތަނަށް 5،040 ޓަނުގެ ކުނި އުކާލާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފިއެވެ.

އެފްޑީސީ ޓަވަރުތައް ހަވާލުކުރަން ފެށީ މިިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ފަހުކޮޅު ކަމަށްވާއިރު، އޭރުން ފަށައިގެން މީހުން އަންނަނީ އެ ފުލެޓުތަކަށް ބަދަލުވަމުންނެވެ.

އެ ފުލެޓުތަކަށް މީހުން ބަދަލުވާއިރު، ޓަވަރުތައް ކައިރިއަށް ކުނި އެޅުމުގެ މައްސަލަ ވަނީ ބޮޑުވެފައެވެ. އެގޮތުން ބައެއް ޓަވަރުތައް ކައިރީ ބޮޑެތި ކުނި ގިނަވެ، ކުނިފުނިތައް އުފެދޭތީ ވަރަށް ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފައިވެއެވެ.

އެފްޑީސީން ވަނީ މިހާތަނަށް އަމާން ޓަވަރުތަކުން އުކާލާފައިވާ ކުނީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ އޮކްޓޯބަރުން ފެށިގެން މި އަހަރުގެ މާޗް މަހަށް 3،178 ޓަނުގެ ކުނި ވަނީ އުކާލާފައެވެ. އަދި މި އަހަރުގެ މެއި މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް 1،862 ޓަނުގެ ކުނި އުކާލާފައިވާ ކަމަށް ވެސް އެފްޑީސީން ބުނެއެވެ. އެހެންކަމުން އެ ޓަވަރުތަކުން މިހާތަނަށް ޖުމްލަ 5،040 ޓަނުގެ ކުނި އުކާލާފައިވާ ކަމަށް އެފްޑީސީން ބުނެއެވެ.

އޭގެ އިތުރުން އެފްޑީސީން ބުނީ މިދިޔަ އަހަރު އޮކްޓޫބަރުން ފެށިގެން މި އަހަރުގެ މާޗަށް ކުނިނައްތާލުމަށް 8.45 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އަދި މި އަހަރުގެ އޭޕްރީލް މަހު 75.1 ހާސް ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި މެއި މަހުން ފެށިގެން ޖޫނަށް 4.95 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވެސް ބުނެއެވެ.

އެހެންކަމުން މިހާތަނަށް އާންމު ސަރަހައްދު ސާފުކުރުމާއި ކުނިނައްތާލުމުގެ މަސައްކަތަށް 13،481،557.15 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާނެ ކަމަށް އެފްޑީސީން ބުނެއެވެ.

އެފްޑީސީން ބުނީ މިހާތަނަށް ކުނި ނައްތާލުމުގެ މަސައްކަތަށް ބޮޑު ހޭދައެއް ކުރަން ޖެހިފައިވާ އާންމު ސަރަހައްދުތަކަށް އެކި ބާވަތުގެ ކުނި އެޅުމުގެ ސަބަބުން ކަމަށެވެ.

އެ މައްސަލައިގައި އެފްޑީސީން ވަނީ ކުނި ސާފު ކުރުމުގެ މަސައްކަތް ކުރާ ކަމަށް ބުނެ، ކުނި އަޅާ މީހުން ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ. އަދި ބައެއް މީހުން ޖޫރިމަނާކޮށްފައިވާކަން އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

އަދި ކަނޑައެޅިފައިވާ އުސޫލުތަކާއި ހިލާފަށް ކުނި އުކާލުމުގެ ސަބަބުން އެ ތަންތަން ސާފުކޮށް ބެލެހެއްޓުމަށްޓަކައި ދައުލަތުގެ ބަޖެޓުންނާއި ކޯޕަރޭޝަނުން ކުރަންޖެހޭ ހޭދަ ވަނީ ނިސްބަތުން އިތުރުވެފައި ކަމަށް ވެސް ބުނެއެވެ. އެފްޑީސީން ބުނީ އެފަދަ އިހުމާލުތަކުގެ ސަބަބުން ހިނގާ ހަރަދުތައް ކުޑަކޮށް ހިތްފަސޭހަ މާހައުލެއް ބިނާކުރުމަށްޓަކައި ކުނި އުކާލުމައި މިހާރަށްވުރެ ބޮޑު ޒިންމާދާރުވުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށެވެ.

ad