logo

މިއަދުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ކަނޑުތައް ގަދަވާނެ: މެޓް

އާމިނަތު މޫސާ
4 ގަޑިއިރު ކުރިން

މިއަދުވެސް ރާއްޖޭގެ ހުރިހާ ހިސާބެއްގެވެސް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

މެޓު އޮފީހުން ބުނީ، މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި، ގުގުރުން އެކަށީގެންވާ ކަމަށެވެ. އެހެން ނަމަވެސް އެހާ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާނުކުރެވޭ ކަމަށެވެ. އެހެންނަމަވެސް މިއަދު މެންދުރުފަހުން ފެށިގެން މޫސުން އަލިވާން ފަށާނެކަމަށް އެއިދާރާއިން ބުނެއެވެ.

މެޓް އޮފީހުން މޫސުމީ ލަފާކޮށްފައިވާގޮތަށް ބަލާއިރު، ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށްވެސް ވައިގަދަވެ ގަދަވާނެކަމަށެވެ. އެގޮތުން ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ.

މެޓު އޮފީހުން ބުނީ، ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަަކަށް ގަދަވާނެ ކަމަށެވެ. އަދި ރާޅުތަކުގެ ބާނީގެ އުސްމިން 4 ފޫޓާއި 7 ފޫޓާ ދެމެދުގެ މިނެއްގައި ހުންނާނެ ކަމަށް ލަފާކުރެވޭއިރު، ކަނޑުދަތުރުކުރާ ފަަރާތްތަކުން މިކަންކަމަށް ސަމާލުވުމަށް އެއިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.

މިހާރު ކުރަމުންދާ މޫސުމީ ވިއްސާރާގައި ވައި އެންމެ ގަދަވި ރަށްރަށުގެ ތެރޭގައި ހިމެނެނީ ފ.ނިލަންދޫ، ހދ.ކުޅުދުއްފުށި އަދި ބ.ދަރަވަންދޫ އާއި ކާށިދޫއެވެ.

މޫސުް ގޯސްވެ އިއްޔެ ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގާފައިވާއިރު، މާފުށީ ތޮށިމައްޗަށް ސަފާރީއެއް އަރައި ސަފާރީ އެއްކޮށް ހަލާކުވިއިރު އަލިހުރަސްކަނޑަށް ކޮޅުވެއްޓިއެއް ފެތި ބަޔަކު ވަނީ ކަނޑުވެފައެވެ.

މިދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށްވެސް ކަނޑުތައް ގަދަ ދުވަސްވަރަކަށް ވުމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމާއި ބެހޭ ގައުމީ އިދާރާއިން ނެރެމުންދާ އެލާޓުތަކަށް ސަމާލުވެ ތިބުމަށް ކަމާބެހޭ އިދާރާތަކުން ދަނީ އިރުޝާދުދެމުންނެވެ

ad