logo

ހިިޖުރީ އާ އަހަރުގެ ތަހުނިޔާ އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ރައީސް ފޮނުއްވައިފި

އާމިނަތު މޫސާ
8 ގަޑިއިރު ކުރިން

ހިޖުރީ އައު އަހަރުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްލާމީ ޤައުމުތަކާއި ސަރުކާރުތަކުގެ އިސްވެރިންނަށް ފޮނުއްވައިފިއެވެ.

1448 ވަނަ އަހަރު ފެށުމާ ގުޅިގެން އެމަނިކުފާނު ވަނީ ބައިނަލްއަގުވާމީ އިސްލާމީ ޖަމާޢަތްތަކުގެ އިސްވެރިންނަށްވެސް ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްލާމީ ޤައުމުތަކާއި ސަރުކާރުތަކާއި ޖަމާޢަތްތަކުގެ އިސްވެރިންނަށް ފޮނުއްވެވި މެސެޖުގައި ވިދާޅުވީ، މިފެށުނު ހިޖުރީ އައު އަހަރަކީ، ތިމާގެ އަމިއްލަ ނަފުސާއި މުޖުތަމަޢުގެ ޙާލަތާމެދު ފުންކޮށް ވިސްނައި، އެއްބައިވަންތަކަން އާލާކުރަންވީ ވަގުތު ކަމަށެވެ.

އަދި މުޅި މުޖުތަމަޢުގެ ލާބަޔާއި މަންފާއަށްޓަކައި އޯގާތެރިކަން އިސްކޮށް، އަމިއްލަ އެދުމެއްނެތި، އިޚްލާޞްތެރިކަމާއެކު އެކަކު އަނެކަކަށް އެހީތެރިވެ އުޅުމުގެ ރޫޙު އާލާކުރަންވީ ވަގުތު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ކުރިއަށް އޮތް އަހަރަކީ އިސްލާމީ އުންމަތުގެ އީމާންތެރިކަން އިތުރަށް ވަރުގަދަވެގެންދާނެ އަހަރަކަށް ވުމަށް އެދިވަޑައިގެންނެވިއެވެ. އަދި، މުޅި އިސްލާމީ އުންމަތަށް ދެމިގެންދާފަދަ ސުލްހަވެރިކަމާއި، ފާގަތިކަމާއި، އެއްބައިވަންތަކަން މިންވަރުކޮށްދެއްވުން އެދިވަޑައިގެން، އިޚްލާޞްތެރިކަމާއެކު ދުޢާ ދެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޙިޖްރީ އައު އަހަރުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ދިވެހި އުންމަތުގެ ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ، އެންމެގެ މެދުގައި އޮންނަ އެއްބައިވަންތަކަމާއި އަޚުވަންތަކަމުގެ މައްޗަށް ކަމުގައި ވިދާޅުވިއެވެ. އަދި އަމިއްލަ ނަފްސުތަކާއި މުޖުތަމަޢު އިސްލާހުކޮށް، ނޭދެވޭ އެންމެހައި ކަންކަމުން ދުރުވެ، ހެޔޮކަމުގެ މަގަށް، ހިތާއި ނަފްސުން ހިޖުރަކުރުމަށް ޢަޒުމް ކަނޑައެޅުމަށް ގޮވާލައްވާފައެވެ.

ad