logo

ސައިބާ ކުށްތައް %105 އިތުރު، ގިނައީ އޮންލައިން ޝޮޕިންގް އަދި ސޯޝަލް މީޑިއާ ސްކޭމް

އާމިނަތު މޫސާ
6 ގަޑިއިރު ކުރިން

މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ރާއްޖޭގައި ސައިބާ ކްރައިމްގެ މިންވަރު 105 އިންސައްތަ އަށްވުރެ އިތުރުވެފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހުށަހަޅާފައިވަނީ، ސައިބާ ކްރައިމްގެ 512 މައްސަލައެވެ. ނަމަވެސް، މިއަހަރުގެ މި މުއްދަތުގައި އެ އަދަދުވަނީ 1,053 އަށް އިތުރުވެފައެވެ. އަދި މިއަހަރުގެ މިހާތަނަށް 884 މައްސަލައެއްގެ ތަޙުޤީޤު ކުރިއަށްދާއިރު، ފިޔަވަޅުތައް އެޅުމަށްފަހު 457 މައްސަލަ ވަނީ ނިންމައި ފައިލްކޮށްފައެވެ. މީގެ ތެރޭގައި މިމުއްދަތުގެ ކުރިން ހުށަހެޅި މައްސަލަތައްވެސް ހިމެނޭކަމަށް ފުލުހުން ބުނެއެވެ.

ސައިބާ ކުށްތަކުގެ ނިސްބަތް މިހާ ބޮޑަށް އިތުރުވުމުގެ މައިގަނޑު ސަބަބަކީ، އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަލަތައް ކަންބޮޑުވާ ދަރަޖައަކަށް އިތުރުވުން ކަމުގައި ފުލުހުން ބުނެއެވެ. އަދި މި ތަފާސްހިސާބުތަކުން ދައްކައިދެނީ، ކުށްކުރާ ފަރާތްތަކުން އާންމުންގެ އަތުން ފައިސާ ފޭރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރާ މިންވަރު ފުޅާވެފައިވާ މިންވަރު ކަމަށްވެސް ފުލުހުން ބުނެއެވެ.

ވަކިވަކި ކުށްތަކަށް ބަލާއިރު އޮންލައިން ޝޮޕިންގް ސްކޭމްގެ ކުށްތައް ވަނީ، 86 އިން 464 އަށް އިތުރުވެފައެވެ. މިއީ، 439 އިންސައްތައިގެ އިތުރުވުމެކެވެ. އަދި މިއީ މުޅި ސައިބާ ކްރައިމްގެ ބާވަތްތަކަށް ބަލާއިރު، މިއަހަރު އެންމެ ގިނައިން ރިޕޯޓުކުރި އަދި އެންމެ ބޮޑަށް އިތުރުވި ބާވަތްކަން ފުލުހުން ފާހާގަކުރެއެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ސްކޭމްތައް 15 އިން 109 އަށް އިތުރުވެފައިވެފައެވެ. މިއީ، މިދިޔަ އަހަރާއި އަޅާބަލާއިރު 626 އިންސައްތައިގެ އިތުރުވުމެކެވެ. އަދި ބޭރު ފައިސާ ބަދަލުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތައް 83 އިންސައްތަ އިތުރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ، މިދިޔަ އަހަރުގެ ފުރަތަމަ 6 މަސްދުވަހާއި މި އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު މަދުވެފައިވާ ކުށްތަކުގެ ތަފާސް ހިސާބުވެސް އާންމުކޮށްފައެވެ. އެގޮތުން މަކަރާއި ހީލަތުގެ މައްސަލަތައް އިތުރުވި ނަމަވެސް، މީގެ ކުރީ އަހަރުތަކުގައި އާންމުކޮށް ފެންނަ، މީހުންގެ ޒާތީ މައުލޫމާތާއި އަބުރާ ގުޅުންހުރި ބައެއް ކުށްތައް ދަށްވެފައިވާކަން އެއިދާރާއިން ފާހަގަކުރެއެވެ. އެގޮތުން އޮރިޔާން ކާޑު ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމުގެ މައްސަލަތައް ވަނީ 16 އިން 4 އަށް ދަށަށް ގޮސްފައެވެ. މިއީ، މިދިޔަ އަހަރާއި އަޅާބަލާއިރު 75 އިންސައްތައިގެ ދަށްވުމެކެވެ.

އަމިއްލަ ފަރާތްތަކުގެ ސޯޝަލް މީޑިއާ އެކައުންޓުތައް ހެކްކުރުމުގެ މައްސަލަތައް ދަށަށް ގޮސްފައިވާއިރު، ކްރެޑިޓް އަދި ޑެބިޓް ކާޑު ފްރޯޑްގެ މައްސަލަތައް ވެސް ދަށަށް ގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މަކަރާއި ހީލަތުން ފައިސާ ހޯދަން އުޅޭކަމަށް ޝައްކުކުރެވިއްޖެނަމަ، ނުވަތަ އެފަދަ އަމަލެއްގެ ޝިކާރައަކަށް ވެއްޖެނަމަ، ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުމަކީ ކުށްވެރިން ހޯދުމަށާއި ގެއްލޭ ފައިސާ އަނބުރާ ހޯދުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ފުލުހުން ބުނެއެވެ.

ad